އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ވެސްޓަން ކޮންފަރެންސް ސެމީ ފައިނަލުގައި ލޮސް އެންޖަލިސް ލޭކާސްއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއާސްއިން މި ސީރީޒް އެއްވަރުކޮށްފިއެވެ.
ސެން ފްރަންސިސްކޯގެ ޗޭސް ސެންޓަރުގައި ކުޅުނު މިމެޗް ވޮރިއަރސްއިން ކާމިޔާބުކުރީ 127 ޕޮއިންޓް 100 ޕޮއިންޓުންނެވެ. މިމެޗްގައި ވޮރިއަރސްގެ ކްލޭ ތޮމްޕްސަން ވަނީ 30 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފައެވެ. އަދި އެޓީމްގެ ސްޓެފަން ކަރީ ވަނީ 20 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 12 އެސިސްޓް ކޮށްފައެވެ.
މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގައިދީ 3 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ.
މިކާމިޔާބީއާއެކު މިސީރީޒް އެއް މެޗް އެއްމެޗުން އެއްވަރުވީއިރު މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައެވެ.