ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރަން ފަރުދީ ފެންވަރެއްގަައި މަސައްކަތްކުރަންޖެހޭ: ނައިބް ރައީސް


ގައިންގަޔަށް ނާރާ ބަލިތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އެބައޮތްކަމަށާއި މި ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތްކުރެއްވުމަށް ރަޢިސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަޞީމް އެދިވަޑައިގެންފިއެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގަތީ ޕްރައިމަރީ ހެލްތު ކެއަރ ޚިދުމަތްތައް އަލުން ފަށްޓަވައި، ހަރުދަނާކުރެއްވުމުގެ މަސައްކަތް ރަސްމީކޮށް ފެށްޓެވުމަށް ފ.ނިލަންދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޙީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދާ ކަމަށާއި ވަކިން ޚާއްޞަކޮށް ވޭތުވެދިޔަ 4 އަހަރު އަތޮޅުތެރޭގައި ޞިއްޙީ ނިޒާމް ހަރުދަނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. މިގޮތުން މުޅިން އަލަށް އެތަކެއް ޚިދުމަތްތަކެއް ތަޢާރަފްކުރަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަޞީމް ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަކީ ކުރިން ހިންގާފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ އެ ޕްރޮގްރާމް ހަރުދަނާކަމާއެކު އަލުން ކުރިއަށްގެންދަން ޖެހިފައިވާ ކަމަށެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމް ފެއްޓެވިނަމަވެސް، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށްޓަކައި އޢާއްމު ރައްޔިތުންގެ އެއްބާރުލުން ވަަރަށް މުހިއްމުކަމަށެވެ.

"ބަލިވީމަ ޚިދުމަތްލިބޭ ތަންތަން ހުރުމުން އަޅާނުލާ ތިބެންވީއެއް ނޫން. ވިސްނަންވީ ރައްކާތެރިކަމާއެކު ތިބުމަށް ގަދައަޅަ މަސައްކަތް ކުރަންވީ. މިކަމާ ވަރަށް ގިނަ ކަންތައްތަކެއް ގުޅިފައިވޭ. އާއްމުކޮށް އަޅުގަނޑުމެން އުޅޭގޮތް ބަދަލުކޮށްލުމަކީ މާ ފަސޭހަ ކަމަކަށްނުވިނަމަވެސް އެކަން ރަނގަޅުކުރަންވީ. ތަފާސް ހިސާބަށް ބެލީމަ އިނގޭ ކަންބޮޑުވާ ދަރަޖައެއްގައި ގައިންގަޔަށް ނާރާ ބަލިތައް އެބަހުރިކަން" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ނޭދެވޭ ކެއުންތަކުން ދުރުހެލުވުމާއި ކަސްރަތުކުރުމުގެ އިތުރުން އެކި ކަހަލަ އެކްސިޑެންޓްތައް ހިންގުން މަދުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.