ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ތެރެއިން ހއ. އުލިގަމުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުވައިފިއެވެ.
މިކަމައްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އުލިގަމު ގޮފި ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދާއި އުލިގަމު ކައުންސިލުގެ ރައީސް އަސަދުﷲ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި އުލިގަމު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރުގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.
އަދުގެ ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރާ މުބާރާތެއްގެ ގޮތުގައި ހަމަޖެއްސެވުމާއި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތަށް ވަނީ ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީވެސް ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް އިތުރު ބާރެއް ލިބޭކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު މަޝްރޫޢުއެއް ފެށުމަށް ސަރުކާރުން ނިންމަވާފައިވެއެވެ.