ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތް: މާލޭ އޭ ޓީމާއި، ފުވައްމުލައް ޓީމަށް މޮޅެއް


23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޢަމާޒުކޮށް ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން މާލޭ އޭ ޓީމާއި ފުވައްމުލައް ޓީމު މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ތިން ޓީމަކާއެކު ލީގު އުޞޫލުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހުކުރު ދުވަހު ކުޅުނު ދެ މެޗުގައި ވަނީ ދެ ސެންޗަރީގެ އިތުރުން ޤައުމީ ރެކޯޑެއް ފެނިގެންގޮސްފައެވެ.

މި މުބާރާތުގައި ހެނދުނު ކުޅުނު މެޗުން މާލޭ އޭ ޓީމު މޮޅުވީ މާލޭ ބީ ޓީމު އަތުން 134 ލަނޑުންނެވެ.

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން މާލޭ އޭ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 216 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 57 ބޯޅައިން ސެންޗަރީއެއް ހެދި ޝިއުސް ފަރީދެވެ. އަދި އެ ޓީމުގެ އިބްރާހީމް ސަދޫފް ވަނީ 43 ބޯޅައިން 81 ލަނޑު ހަދާފައެވެ.

ޖަވާބުގައި މާލޭ ބީ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 35 ބޯޅައިން 30 ލަނޑު އެއްކުރި އަޙްމަދު ޝާޒިންއެވެ.

މީގެ އިތުރުން މެންދުރުފަހު ކުޅުނު މެޗުން ފުވައްމުލައް ޓީމު މޮޅުވީ މާލޭ ބީ ޓީމު އަތުން 163 ލަނޑުންނެވެ. މި މެޗުގެ ގުރު ދިމާވުމުން ފުވައްމުލައް ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 216 ލަނޑު ހަދާފައެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 70 ބޯޅައިން 126 ލަނޑު ހެދި ޝައުފް ހަސަން އާއި، 50 ބޯޅައިން 69 ލަނޑު އެއްކުރި އާޒިން ރަފީޤެވެ. މި އާއެކު ޝައުފް އާއި އާޒިން ވަނީ 18.2 އޯވަރުގެ ތެރޭގައި 209 ލަނޑުގެ އޯޕަނިން ޕާޓްނަޝިޕަކާއެކު ގައުމީ އައު ރިކޯޑެއް ގާއިމުކޮށްފައެވެ. މީގެ ކުރިން މި ރިކޯޑު އޮތީ 2016 ވަނަ އަހަރު އިސްކަންދަރާއި ޖަމާލުއްދީން ސްކޫލުގެ މެދުގައި ކުޅުނު މެޗުގައި ހެދި 205 ލަނޑާއެކުއެވެ.

ޖަވާބުގައި މާލޭ ބީ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 62 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 29 ބޯޅައިން 11 ލަނޑު އެއްކުރި އިސްމާޢީލް ނަޒުވާނެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ޓީމު ލީގު އުޞޫލުން ދެ ބުރެއް ކުޅުމަށްފަހު، ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.