މިއަހަރުގެ ޖޫން މަހު އިންޑިއާގައި ބޭއްވުމަށް ތައްޔާރުވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ދަޢުވަތު ކުވެއިތަށް ދީފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި ޖޫން 21 އިން ޖުލައި 3ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ސަރަޙައްދުން ބޭރު ޢައުމުތަކަށް ފުރުޞަތު ދޭން ނިންމާފައިވަނީ ސާފްގެ އެކްސްކޯ ގައި ބޭއްވި ބައްދަލުވުމުގައެވެ.
މުބާރާތުގައި ވާދަކުރުމުގެ ދައުވަތު ސަޢުދީ ޢަރަބިއްޔާއާއި، މެލޭޝިއާއަށްވެސް ވަނީ މީގެކުރިން ދީފައެވެ. ރިޕޯޓުތައް ބުނާގޮތުން މީގެތެރެއިން ސަޢުދި ޢަރަބިއްޔާއިން ވަނީ އެ ޤައުމުގެ ޒުވާން ޓީމު ބައިވެރިކުރަން ނިންމާފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ޓީމު ވާދަކުރާކަން އަދި އިޢުލާނެއް ނުކުރެއެވެ.
ކުވެއިތަކީ ސަރަޙައްދީ ޓީމުތަކާއި ވާދަކުރެވޭ ފެންވަރުގެ ޓީމެކެވެ. އެ ޤައުމުން ވަނީ 2015 ވަނަ އަހަރު އޭޝިއަން ކަޕުގައި ވެސް ކުޅެފައެވެ. އަދި 1980 ގެ އަހަރުތަކުގައި އެ ޤައުމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ކުވެއިތު ވާދަކުރާ ނަމަ، މިފަހަރުގެ މި މުބާރާތުގައި ސަރަޙައްދީ 6 ޤައުމަކުން ވާދަކުރާނެއެވެ. އެއީ ދިވެހިރާއްޖެ އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ސްރީ ލަންކާ، ފީފާ ސަސްޕެންޝަނެއްގައި އޮތުމުން އެޤައުމު މިފަހަރުގެ މުބާރާތުގައި ނުފެންނާނެއެވެ.
އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ރާއްޖެއިން ހޯދި ދެވަނަ ތައްޓެވެ. މުބާރާތުގައި ރާއްޖެއިން ބޭނުންކުރާނެ ރަސްމީ ޖާރޒީ ދާދިފަހުން ވަނީ ދައްކާލާފައެވެ. ޖާރޒީ ރަސްމީކޮށް ދައްކާލީ ޕްރެސިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.