ޚަބަރު

ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަރނޭޝަނަލް އާރޓް ފެސްޓިވަލް ފަށައިފި


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ އާރޓް ފެސްޓިވަލް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހް ފަށްޓަވައިދެއްވައިފިއެވެ.

"ފަރުމާ- އިންޓަރނޭޝަނަލް ޔޫތް އާޓް ފެސްޓިވަލް 2023" އަކީ ޔޫތް މިނިސްޓްރީއާއި، މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ ގުޅިގެން ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ފެސްޓިވަލްއެވެ. މިފެސްޓިވަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ފަންނާނުންގެ ފަންނުވެރިކަމާއި އުފެއްދުންތެރި މަސައްކަތްތައް ދައްކާލުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

7 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފެސްޓިވަލް ޢަމާޒުކޮށްފައިވަނީ އެކި ޢުމުރުފުރާތަކަށް ކުރިއަށްގެންދާ ޕްރޮފެޝަނަލް އަދި ޕްރީ ޕްރޮފެޝަނަލް ފަންނާނުން އެއްތަނަކަށް ގެނެސް، ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށްޓަކައިކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މި ފެސްޓިވަލް ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރަމަންތް އަހްމަދު މަޚުލޫފް ވިދާޅުވީ އާޓިސްޓުންގެ ހުނަރުތައް ދައްކާލުމުގެ އެކި ޕްލެޓްފޯމްތައް ހޯދައިދިނުމަށްޓަކައި ޔޫތް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި ފަރުމާ ފެސްޓިވަލުން ހާމަވެގެންދަނީ ފަންނުވެރިންނަށް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ މިންވަރުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަދު ޔަޤީންކޮށްދެއްވިޖެ ޔޫތް މިނިސްޓްރީގެ މަސައްކަތަކީ ފުޓްބޯޅަ ދަނޑުތަކާއި ފުޓްބޯޅަ މުބާރާތްތައް ބޭއްވުން އެކަނި ނޫންކަން. މި ފެސްޓިވަލްއިން އެކަންވެސް ހާމަކޮށްދެވިއްޖެ. މި ފެސްޓިވަލަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އިންޓަރނޭޝަނަލް ފުރަތަމަ ފެސްޓިވަލް." މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވިއެވެ.

މި ފެސްޓިވަލްގައި ޖުމުލަ 10 ދާއިރާއަކުން ފަންނުވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ކުރެހުން، ޕެއިންޓިން، ފޮޓޯގްރަފީ ފުޑް އެންޑް ކަލިނަރީ މިއުޒިގެ ދާއިރާފަދަ ދާއިރާތައް ހިމެނެއެވެ. އަދި 8 ޤައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައި ވެއެވެ. މި ފެސްޓިވަލްގައި ބައިވެރިވި ޤައުމުތަކުގައި އިންޑިއާ، ވިއެޓްނާމް، އުޒްބެކިސްތާނު، އީރާން ހިމެނެއެވެ. މީގެ އިތުރުން ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ސީރިއާއި ލުބުނާން ފަދަ ޤައުމުތައް ހިމެނެއެވެ.