ޚަބަރު

ކެލާ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބޭނުންކުރަން ފަށައިފި


ހއ.ކެލާ ޝެއިޚް އިބްރާހިމް ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.

ޝެއިޚް އިބްރާހިމް ސްކޫލްގެ މަލްޓިޕަރޕަސް ހޯލު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަންތަން ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާޙިމްއެވެ.

ކެލާ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. މިސްކޫލްގައި މިވަގުތު 249 ދަރިވަރަކު އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ. ސްކޫލްގެ ޢާބާދީ ކުޑަނަމަވެސް އެހެން ސްކޫލްތަކާ އެއްގޮތަށް އެސްކޫލަށްވެސް ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. ޚާއްސަގޮތެއްގައި ސްކޫލްގައި ބާއްވަން ޖެހޭ އިތުރު ހަރަކާތްތަކާއި ޖަލްސާތައް ފަދަ ހަރަކާތްތައް ބޭއްވުމަށް ޖާގައެއް ނެތެވެ. މިފަދަ ކޮންމެ ހަރަކާތެއް ބާއްވަން ޖެހެނީ ޕާޓިޝަން ޖަހައިގެން ދަރިވަރުން ކިޔަވަމުން އަންނަ ހޯލް ރޫޅާލާ އެތަން ތައްޔާރުކުރާށެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ ސަރުކާރުން މަސައްކަތް ފެށްޓެވިއެވެ.

އެގޮތުން އެ ސްކޫލްގެ މަލްޓިޕަރޕަސް ހޯލު އެޅުމަށް އެންމެ ފުރަތަމަ ހަވާލު ކުރީ 2018 ވަނަ އަހަރު ޔުނި އިންޖިނިއަރިން ކިޔާ ބަޔަކާއެވެ. އެހެންނަމަވެސް މަސައްކަތް ދިގުލައިގެން ގޮސް ނުނިމުން އެޑިއުކޭޝަން މިނިސްޓްރީން އަލުން ވަނީ އެ މަސައްކަތް ކުރުމަށް އެހެން ކުންފުންޏަކާ ހަވާލުކުރައްވައިފިއެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހޯލުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް 5.7 މިލިޔަން ރުފިޔާއަށް ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ހަވާލުކުރެއްވިއެވެ. މި މަސައްކަތް ނިމި މިހާރުވަނީ ބޭނުން ކުރަން ފަށާފައެވެ.

މަލްޓިޕަރޕަސް ހޯލާއެކު ލިބުނު ލުއިފަސޭހަ ހިއްސާ ކުރައްވަމުން އެސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ވިދާޅުވީ މަލްޓިޕަރޕަސް ހޯލާއެކު ސްކޫލްގައި ކުރިއަށްގެންދަންޖެހޭ އިތުރު ހަރަކާތްތައް ބޭއްވުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ހޯލް އިމާރާތް ކޮށްފައިވަނީ 2 ކްލާސްރޫމާއެކުގައި ކަމަށްވުމުން އެ ކްލާސްރޫމްތައް ދަރިވަރުން ކިޔެވުމަށްވެސް ބޭނުން ކުރެވޭނެކަމަށް ފަޔާޒް ވިދާޅުވިއެވެ.

"މި ހޯލާއެކު މޫސުން ގޯސް ދުވަސްތަކުގައިވެސް އެސެމްބްލީތައް ބޭއްވުމަށް ޖާގަ ލިބިގެންދާނެ. އަދި ދަރިވަރުންގެ ކިޔެވުމަށް ހުރަހެއް ނައިސް އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ. ކުރިން އިމްތިޙާންތައްވެސް ބާއްވަން ޖެހެނީ ޕާޓިޝަން ޖަހައިގެން ކްލާސްތައް ތައްޔާރުކޮށްފައިވާ ހޯލްގައި ޕާޓިޝަންތައް ނަގައިގެން." ޕްރިންސިޕަލް މުޙައްމަދު ފަޔާޒް ވިދާޅުވިއެވެ

ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން 247 މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. އޭގެ ތެރޭގައި 1716 ކްލާސްރޫމެއްގެ މަސައްކަތާއި 92 ހޯލްގެ މަސައްކަތުގެ އިތުރަށް އެހެނިހެން މަސައްކަތުގެ 563 މަޝްރޫޢެއް ހިމެނޭކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވާފައިވާ ތަފާސް ހިސާބަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މިހާތަނަށް ޖުމުލަ 48 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި 227 ކްލާސްރޫމްއާއި 14 ހޯލް ހިމެނެއެވެ. މީގެ އިތުރަށް މިހާރުވެސް 744 ކްލާސްރޫމްގެ މަސައްކަތާއި 47 ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.