އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުން އެއްވަނައަށް ސީޑް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖޯކޮވިޗް ޖާގަހޯދީ އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކުރި މެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.
ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ޖޯކޮވިޗް ކާމިޔާބުކޮށްފައި ވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗްގައި ނޯރީގެ އަމަލުތައް ހުރިގޮތުން ޖޯކޮވިޗް ވަނީ އެކަމާއި ހިތްހަމަނުޖެހުނުކަން ހާމަކޮށްފައެވެ. މިގޮތުން މިމެޗްގައި ނޯރީ ފެއަރ ޕްލޭ އާއި ހިލާފު ވެފައިވާކަމަށް ޖޯކޮވިޗް ހާމަކުރެއެވެ. މިގޮތުން އެންމެ ބޮޑަށް އޭނާ ފާހަގަކުރީ އޭނާ ފުރަގަސްދީގެން ހުއްޓާ ނޯރީ ޖެހި ބޯޅައެއް ޖޯކޮވިޗް ގައިގާ ޖެހުމުންނެވެ. ޖޯކޮވިޗް ވަނީ އެއީ އޭނާ ގަސްދުގައި ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ލ
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ހަވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް ވަނީ ކޮލިފައިންގެ މުބާރާތުން ޖާގަ ހޯދި ޖަރުމަނުވިލާތުގެ ކުޅުންތެރިއެއް ކަމަށްވާ ޔަނިކް ހަންފްމަން އަތުން ދެސެޓް އެއް ސެޓުން ބަލިވެފައެވެ. އެއީ ހަތެއް ހަޔެއް، ހަތަރެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މީގެއިތުރުން އަށް ވަނައަށް ސީޑް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނަރ ވަނީ އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޯލޯ އާއި ބައްދަލުކޮށް ހައެއް ހަތެއް، ހައެއް ދެއެއް އަދި ހައެއް ދޭކުން ބަލިވެފައިއެވެ.
ކްއާޓަރ ފައިނަލްގައި ހާންފްމަން ބައްދަލުކުރާނީ ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވްއާއެވެ. ޑެޑްވެޑޭވް ކްއާޓަރ ފައިނަލުން ޖާގަ ހޯދީ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް އާއި ބައްދަލުކޮށް ހައެއް ދޭއް އަދި ހަތެއް ހަޔަކުން މެޗް ކާމިޔާބުކޮށްގެންނެވެ. ސެރުންޑޯލޯ ބައްދަލުކުރާނީ ނޯވޭގެ ކެސްޕަރ ރުޑްއާއެވެ.