ރިޕޯޓް

ދުނިޔެއާ އާޚިރަތުގެ ކާމިޔާބު ލިބޭނެ މަގަކީ ތަޥްޙީދު މަގު - ޝައިޚް


ދުނިޔެއާ އާޚިރަތުގެ ކާމިޔާބު ލިބޭނެ މަގަކީ ތަޥްޙީދު މަގުކަމަށާ، ތަޥްޙީދު ލިބޭނީ ﷲ އާ ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ އެއްގޮތަށް ހުރިހާކަމެއް ބައްޓަންކުރެވިގެންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އާސިމް އަލް ހަކީމް ވިދާޅުވެއްޖެއެވެ.

ދަ މެސެޖް ސިލްސިލާގެ ދަށުން ސަލްޓަންޕާކް ކުރިމަތީ ދަރުސްދެއްވަމުން ޝައިޚް އާސިމް ވިދާޅުވީ އިސްލާމިކް ތަޥްހީދު ލިބިގަތުމަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއެކު، އެކަލާންގެ ގެ އެންމެހާ ސިފަފުޅުތަކަށް އިމާންވުމާއެކު، ކުރާ ހުރިހާ ކަމެއްގައި އެކަލާންއަށް ހިތްނިޔަތް ޚާލިސްކުރުންކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޙްގެ ވާހަކަފުޅުގައި ތަޥްޙީދުގެ ތިންވައްތަރެއް ވާކަން ފާހަގަކުރައްވާ އެތިންވައްތަރު ތަފްޞީލްކޮށްދެއްވިއެވެ.

ޝައިޚްގެ ވާހަކައިގައި މިއަދުގެ އިސްލާމީ މުޖްތަމައުގައި ގިނަ މީހުންނަށް ނޭނގި ނަމަވެސް ތަޥްޙީދުގެ މަގުން އެއްކިބާވެވޭކަން ފާހަގަކުރެއްވިއެވެ. މިގޮތުން މިސާލުޖައްސަވަމުން ޝައިޚް ވިދާޅުވީ މިސާލަކަށް ތިމާގެ ދަރިފުޅު ބަލިރަނގަޅުކޮށްދިނީ ޑޮކްޓަރުކަމަށް ޤަބޫލުކުރޭވޭނަމަ އެއީ ޝިރުކުގެ ތެރެއަށް ވަދެވުންކަމަށާ، އޭގެ ބަދަލުގައި ޤަބޫލުކުރަންވީ ހުރިހާ ކަމެއް އަންނަނީ ﷲ ޞުބްޙާނަހޫ ވަޠަޢާލާގެ ހަޟުރަތުންކަމަށެވެ. ޠަޥްޙީދަކީ ކޮބައިކަން އެނގުމުގެ އިތުރުން ދިރިއުޅުމުގައި ޠަޥްޙީދުގެ މުހިންމުކަން އެނގެންޖެހޭކަމަށާ އަދި ދިރިއުޅުމުގެ ހުރިހާ ކަމަކުން އެކަން ދައްކުވައިދޭންޖެހޭކަން ޝެއިޚްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަލްޓަންޕާކް ކުރިމަތީ ރޭ ބޭއްވެވި މިދަރުހަކީ އިސްލާމިކް މިނިސްޓްރީން ކުރިޔަށްގެންދަވާ ދަ މެސެޖް ސިލްސިލާގެ ދަށުން ބޭއްވެވި ތޭރަވަނަ ދަރުހެވެ.