ކުޅިވަރު

ޗެމްޕިއަން ރެއާލް ބަލިކޮށް، ސިޓީ ފައިނަލަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަދި އެންމެ ކާމިޔާބު ޓީމް ކަމަށްވާ ރެއާލް މެޑްރިޑް ބަލިކޮށް މިމުބާރާތުގެ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ސިޓީ ޖާގަ ހޯދީ މިދެޓީމް ވާދަކުރި ސެމީފައިނަލު މެޗު، 5-1 ގެ އެގުރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ރެއާލްގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުން އޮތީ އެއްވަރުވެފައެވެ. އަދި ސިޓީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ސިޓީ އިން ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަކަމާއެކު ހަތަރު ލަނޑު ސުންލަނޑުންނެވެ.

ރޭގެ މެޗްގައި ސިޓީ ފެނިގެންދިޔައީ އާދަޔާ ހިލާފަށް މޮޅުކޮށެވެ. ހާއްސަކޮށް ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ފަހަކަށް އެއިސް އެޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކުޅުމެވެ. ފުރަތަމަ ހާފްގައި ރެއާލް ފެނިގެންދިޔައީ ސިޓީއިން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވާނެ އެއްވެސް ގޮތެއް ނޭނގިފައި ތިބިކަހަލަ ގޮތަކަށެވެ.

މިގޮތުން ރެއާލްގެ ކުޅުންތެރިން މިހާފްގައި ހަމަޖެހިލާނެ ވަގުތުވެސް ސިޓީއިން ދީފައިނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ސިޓީއިން ޖަހާފައިވަނީ މެޗްގެ 23 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ބެނާޑޯ ސިލްވަރއެެވެ. އަދި މެޗްގެ 37 ވަނަ މިނެޓްގައި ސިޓީގެ ލީޑު ފުޅާކޮށްދީފައިވަނީވެސް ސިލްވަރއެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސިލްވަރ ސިޓީއަށް ކާމިޔާބުކޮށްދިން 12 ވަނަ ލަނދެވެ.

މިހާފްގައި ސިޓީގެ ފަރާތުން އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ އިތުރު ދެތިން ފުރުސަތު ސިޓީއަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ. މިހާފްގައި ރެއާލް އަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތުގައި ޓޮނީ ކްރޫސް ފޮނުވާލި ހަމާލާ އަމާޒުވީ ސިޓީގެ ގޯލްގެ ހުރަސް ދަނޑިއަށެވެ. މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑަކީ މަނުއެލް އަކާންޖީ ރެއާލްގެ ގޯލަށް ފޮނުވާލި ހަމަލާއެއް ރެއާލްގެ ޑިފެންޑަރ އެޑަރ މިލިޓާއޯ ގައިގާ ޖެހިފައި ވަން ލަނޑެކެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިމެޗްގައި ސިޓީއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެހަމަލާތައް އިތުރު ލަނޑުތަކަކަށް ބަދަލުވެގެން ނުދިޔައީ ރެއާލްގެ ކީޕަރ ޓީބޯ ކޯޓުއަރގެ ހުޝިޔާރު ކަމުންނެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިހާރު މިވަނީ މިއަންނަ މަހުގެ 10 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުން ޖާގަލިބިގެން ގޮސްފައެވެ. އަދި ފައިނަލްގައި ސިޓީ ވާދަކުރާނީ އިންޓަރ މިލާނާއެވެ.