ޚަބަރު

35 އަހަރުގެ ޢަސްކަރީ ޚިދުމަތްކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ރިޓަޔަރކުރައްވައިފި


35 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވުމަށްފަހު، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ. މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޓީފުޅާއި އަދި މެޑަލް ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާ ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ ސިޓީފުޅާއި އަދި ފޮޓޯ ބޯޑު ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ޙަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.


ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންް ބައިވެރިވެވަޑައިގަތެވެ. އަދި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދުގެ ޢާއިލާގެ މެންބަރުންނާއި، ގިނަ ޢަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

ބްރިގޭޑިއަރ ޢަބްދުލް މަތީން އަޙްމަދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހުއެވެ. މިވީ ދިގު މުއްދަތުގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ ދިފާއީ ވުޒާރާގެ އިދާރީ އަދި ހިންގުމުގެ ދާއިރާގައެވެ.

މީގެއިތުރުން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި، މާފުށީ ޖަލު ސެކިއުރިޓީ ބަލަހައްޓާ ޔުނިޓުގެ ކޮމާންޑަރުގެ މަޤާމު، އޯޑިނެންސް ސަރވިސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރގެ މަޤާމު، ކޮމާންޑިންގ އޮފިސާރގެ އެހީތެރިއާގެ މަޤާމު، ކޮމިއުނިކޭޝަން އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ސަރވިސްގެ ކޮމާންޑިންގ އޮފިސާގެ އެހީތެރިއާގެ މަޤާމު، ރީޖަނަލް ހެޑްކުއަރޓަރޒް ލ. ކައްދޫގެ ބޭސް ކޮމާންޑަރުގެ މަޤާމު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮޓޮކޯލް އޮފިސަރުގެ މަޤާމު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރޮކިއުމެންޓް އޮފިސަރުގެ މަޤާމު، ދިވެހިރަޢްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމު ހިމެނެއެވެ.

ދިފާއީ ވުޒާރާގައި އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެ ތެރޭގައި، ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޕްރިންސިޕަލް ޑައިރެކްޓަރ ޓްރޫޕްސް ވެލްފެއަރ އެންޑް ޕްރޮޓޮކޯލް، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ފޮރިންލިއެޒަން، ޕްރިންސިޕަލް ޑައިރެކްޓަރ އޮފް ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީކަމުގެ މަޤާމު ހިމެނެއެވެ. އަދި ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕްރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓުދަ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ، ޕްރިންސިޕަލް ސްޓާފް އޮފިސަރ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް، ޑައިރެކްޓަރ ޖެނެރެލް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ މާޤާމު ފާހަގަކޮށްލެވެއެވެ.

ދިވެހި އަސްކަރިއްޔާގައި އުފައްދަވާފައިވާ ބޯޑުތަކާއި ކޮމެޓީތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ވަނީ ސިފައިންގެ ކުރިއެރުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދު ހުންނެވީ މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައެވެ.

ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 11 މެޑެއްޔާއި 12 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދަށް ލިބިވަޑައިގެންފައެވެ.