ޚަބަރު

އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި 709 ދަރިވަރުން ދަސްވެނިވެއްޖެ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި 709 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ބާއްވާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ހިންގި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަ ކުރި 709 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.

މީގެ ތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 174 ދަރިވަރަކާއި، ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 118 ދަރިވަރަކާއި، އެސޯސިއޭޓް ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 5 ދަރިވަރަކު ހިމެނެއެވެ. އަދި ޑިގްރީ ފެންވަރުގެ ކޯސްތައް ފުރިހަމަކުރި 214 ދަރިވަރަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ ކޯސްތައް ފުރިހަމަކުރި 70 ދަރިވަރުންގެ އިތުރުން މާސްޓަރސް ލެވެލްގެ ކޯސްތައް ފުރިހަމަކުރި 119 ދަރިވަރުން މީގެ ތެރޭގައި ހިމެނެއެވެ.

މި ޙަފްލާގައި މަތީވަނަތައް ޙާޞިލުކުރާ ދަރިވަރުންނަށް އައި.ޔޫ.އެމްއިން ދޭ "ބެސްޓް ސްޓޫޑެންޓް އެވޯޑްސް" 9 ދަރިވަރަކު ވަނީ ޙާޞިލުކޮށްފައެވެ. މި ދަރިވަރުންނަށް އިނާމާއި އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދަސްވެނިވެ ސަނަދު ޙާޞިލުކުރި 78 އިމާމުންނަށްވެސް ސަނަދު ޙަވާލުކޮށްދެއްވާފައެވެ.

މި ޙަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާތަކާއި ސެންޓަރުތަކުން އަންނަނީ ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން ޕީ.އެޗް.ޑީ އާއި ހަމައަށް ތަފާތު 90 ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި މި ޕްރޮގްރާމްތަކުގައި ޖުމްލަ 1705 ދަރިވަރަކު މިވަގުތު ކިޔަވަމުންދާކަމަށް އެ ޔުނިވަރސިޓީއިން ވިދާޅުވެއެވެ.