އެމް.ޑީ.ޕީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، ޕާޓީގެ މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.
މިކަމާގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީއިން ނެރުނު ބަޔާނުގައި މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.
އެމް.ޑީ.ޕީއިން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކައި، ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއްކަމަށެވެ. އަދި ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިޚާބު ނިމެންދެން ހަރުގޭގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް އެއްބަސްވެވިފައިވާކަމަށް އެމް.ޑީ.ޕީއިން ބުނެއެވެ.
އެހެންނަމަވެސް, އެއްބަސްވުމާ ޚިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ އެމް.ޑީ.ޕީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ޙައްޤުތައް ޙިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީޢަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ޙިޞާރުކޮށް, ޕާޓީގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
އެމް.ޑީ.ޕީއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވެސް އެދިފައިވާނީ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެ ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ކަމަށްވެސް އެމް.ޑީ.ޕީގެ ބަޔާނުގައި ވެއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުޙީބުދޭ ޕާޓީއެއްކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްގެ ގޮތުގައި އެ ޕާޓީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ޢަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ޕާޓީގެ ފަރާތުން ހުށަހަޅާނެކަމަށް އެ ޕާޓީގެ ބަޔާނުގައި ވެއެވެ.