ޚަބަރު

ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި އޯގަސްޓްމަހު ކިޔަވައިދޭން ފަށަނީ


ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރައްވާ ޖޫނިއަރ ކޮލެޖާއި ރ.އަލިފުށީގައި އިމާރާތް ކުރައްވާ ތިވެޓް ސެންޓަރުގެ މަސައްކަތް ނިންމާ އަންނަ އޯގަސްޓްމަހު ކިޔެވައިދޭން ފަށާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

ހއ.ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަކޮށްފައި ވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައްވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުރައްވަމުން ފެންދަވީ އެ ތަންތަނަށް ބެނުންވާ ސާމާނު ހޯދުމަށާއި ކިޔަވައިދޭނެ މުވައްޒަފުން ހޯދުމުގެ އިތުރަށް ކިޔަވައިދިނުމުގެ މުޤައްރަރު ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނުނިމުނުނަމަވެސް އަންނަ އޯގަސްޓްމަހު އެތަންތަނުން ކިޔަވައިދޭން ފެށޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއަރ ކޮލެޖްތައް އެޅުމުގެ ބޭނުންމަކީ މަސައްކަތްތެރި ހުނަރުވެރި ދަރިންތަކެއް އުފެއްދުންކަމަށެވެ.

"މިހާރު މުޅި ތަން ނިންމުމުގެ ބަދަލުގައި ފޭސް ތަކަކަށް ބަހަލައިގެން ކުރިއަށްމިގެންދަނީ. ދިއްދޫ އަދި އަލިފުށީގައި ބާރު ދުވެލީގައި މަސައްކަތްތައް ނިމެމުން އެދަނީ. ވަރަށް ޔަޤީންކަން އެބައޮތް އޯގަސްޓްމަހު އެތަނަށް ދަރިވަރުން ވަދެ ކިޔަވަން ފެށޭނެކަމުގެ. އެތަންތަން ތަރައްޤީ މިކުރަނީ ދަނާލަކާއެކު. މިއިން ކޮންމެ ތަނެއް ވަކި ދާއިރާއަކަށް އެބަ ޚާއްސަކުރަން." މިނިސްތަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

މި އިންސްޓިޓިއުޓްތަކުގައި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެއެވެ. މީގެ އިތުރުންވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުވެސް ވަނީ ކ.ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ.ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ. އަދި ފުވައްމުލައް ސިޓީގައިވެސް ޓިވެޓް ސެންޓަރެއް އިމާރާތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިތަންތަން އިމާރާތްކުރަނީވެސް ވަކި ޚާއްސަ ދާއިރާތަކަށް އަމާޒުކޮށްގެން ކޯސްތައް ކުރިއަށް ގެންދިޔުމަށެވެ.