މިއަހަރަކީ އައިޓީބީގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވުމުން މިފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށް ފަހި ފުރުޞަތުތަކެއް ލިބިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެރައ، އައިޓީބީ ފެއަރ މިމަހުގެ ނުވައަކުން ތޭރައަށް ޖަރުމަނުވިލާތުގެ ބަރލިންގައި ކުރިޔަށްދާނެއެވެ. ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އާމިނަތު ޒައިނާ ވިދާޅުވީ މި ފެއަރގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން މިއަހަރު ރާއްޖެއަށް އެކެއް ޕޮއިންޓް ފަހެއް މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމުގެ ފުރުޞަތު ބޮޑުކަމަށް ޒައިނާ ވިދާޅުވިއެވެ.
އައިޓީބީ ފެއަރގެ ތެރޭގައި ރާއްޖޭގެ އެކި ސްޓޯލްތަކުން ފަތުވެރިކަން އިޝްތިހާރުކުރުމަށް ތަފާތު ހަރަކާތްތަކެއް ރޭވިފައިވާކަމަށް ޒައިނާ ވިދާޅުވިއެވެ. މިއަހަރުގެ އައިޓީބީ ފެއަރގައި 95 ކުންފުނިން ބައިވެރިވެފައިވާއިރު މިހާރު މިކުންފުނިތަކުންވެސް އަންނަނީބަރލިންގައި ހަރަކާތްތެރިވަމުންނެވެ. އައީޓީބީ ފެއަރ މިހާތަނަށް ހޯސްޓްކޮށްފައިވާ ގިނަ ޤައުމުތަކުން ފަތުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ޒައިނާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށްވެސް ޒައިނާ ވިދާޅުވިއެވެ.
މި ފެއަރގެ ތެރޭގައި ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ވިޔަފާރީގެ މުޢާމަލާތްތައް އަދި ފަހު ދެ ދުވަސް ޚާއްޞަ ކުރެވިފައިވަނީ އާންމުންނަށެވެ. ފެއަރގެ ތެރޭގައި ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕެއިންނެއް ކުރިއަށްދާއިރު ސަގާފީ އެކި ހަރަކާތްތައް ރާއްޖޭގެ ސްޓޯލްތަކުން ފެނިގެންދާނެއެވެ. ރާއްޖޭގެ ސްޓޯލުން ބޮޑަށް ފެނިގެންދާނީ ރާއްޖޭގެ ފަތުވެރިކަމެވެ. އައިޓީބީ ފެއަރ ފެށުމަށް ބާއްވާ ޚާއްޞަ ޕްރެސް ކޮންފަރެންސް އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުގައެވެ.