ބޭރުގެ މާކެޓްތަކަށް ރާއްޖެ މަޝްހޫރުވެފައިވަނީ ހުދު ދޮންވެލިގަނޑާއި، ކަނޑުފަޅުގެ ގުދުރަތީ ރީތިކަމާއި، މަތީފަންތީގެ ޚިދުމަތްދޭ ރިސޯޓުތަކާއި، ދިވެހީންގެ ސަޤާފަތުގެ ސަބަބުންނެވެ. އެހެން ގައުމުތަކާ ޚިލާފަށް ޖަޒީރާ ރަށްތަކަށް ބެހިފައި އޮންނަ ރާއްޖޭގެ މި ހިތްގައިމު މާހައުލު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިއަހަރުގެ އޭޓީއެމް ފެއަރގެ ތެރެއިންވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ދިވެހި ކަނޑުފަޅުގެ ހިތްގައިމުކަން ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކަށް އިހުސާސްކުރެވޭނެހެން ޖުމްލަ 517 އަކަމީޓަރުގެ ބޮޑު ސްޓޭންޑެއް ރާއްޖެއިން ތައްޔާރުކުރިއެވެ. ދިވެހީންގެ ސަޤާފަތާއި، ދިވެހީން އާންމުކޮށް ކައިއުޅޭ ލުއި ކާނާގެ ބާވަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް މި ސްޓޭންޑުން ފަހިކޮށްދީފައިވެއެވެ.
3ޑީ ފޮޓޯތަކުންނާއި، ސްކްރީންތަކުން ރާއްޖޭގެ ހިތްގައިމުކަން މިސްޓޭންޑުން ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. އެކަން ސްޓޭންޑަށް ޒިޔާރަތްކުރި ބައެއް ފަރާތްތަކުންވެސް ފާހަގަކުރިއެވެ.
އަރަބިއަން ޓްރެވަލް މާކެޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެތައްހާސް ބަޔަކު އެއްތަނަކަށް އެއްވެ، ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރއެވެ.
މިފެއަރގެ ތެރެއިން ރާއްޖޭގެ ރިސޯޓުތަކާއި، އެއަރލައިންތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ސީދާ ގޮތުންނާއި، ނުސީދާގޮތުން ހަރަކާތްތެރިވާ މަންދޫބުން އިސްތިރާޖީ ގުޅުންތައް ވަރުގަދަ ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އޭޓީއެމް ފެއަރ ބާއްވަމުން އަންނަތާ 32 އަހަރުވަނީ ވެފައެވެ. މި ފެއަރގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ބޭރުގެ ފަރާތްތަކަށް މާކެޓްކުރަމުންއަންނަތާވެސް އެތައް އަހަރެއްވަނީ ވެފައެވެ. މި މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރައްވައެވެ.
މިއަހަރުގެ ފެއަރގައި ރާއްޖޭގެ 74 ކުންފުންޏެއްގެ 165 މަންދޫބުން ބައިވެރިވިއެވެ. އޭގެތެރޭގައި ފެއަރގައި ބައިވެރިވާތާ 20ސައްކަ އަހަރުވެފައިވާ ކުންފުނިތައްވެސް ހިމެނެއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފެއަރގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނީ، އޭޓީއެމް ފެއަރއަކީ އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަން، ޚާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކަށް އިސްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.
"އޭޓީއެމް އަކީ ޓީޓީއެމް ނަގާފަ އަޅުގަނޑުމެންނަށް އެންމެ ބޮޑު ފައިދާއެއް ކުރާ ފެއަރ. މީގެ އެއް ސަބަބަކީ އަޅުގަނޑުމެންނަށް މިހާ ހިސާބަށް އަންނަން ފަސޭހަވުން. ޚާއްސަކޮށް ހައި ސީޒަނާ ދިމާކޮށް މިފަދަ ފެއަރތައް ބޭއްވުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރޭ. މެދުއިރުމައްޗަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން މިފަހަރުގެ ފެއަރ އަޅުގަނޑުމެން އުއްމީދުކުރިވަރަށްވުރެވެސް ރަނގަޅަށް ނިމިގެން މިދިޔައީ". ފުޅާދާއިރާއެއްގައި ރިސޯޓު ވިޔަފާރި ކުރާ ފަރާތަކުން ބުންޏެވެ.
އޭޓީއެމް ފެއަރގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މެދުގައި ފައިދާކުރަނިވި ޖޮއިންޓް ވެންޗަރތައް ކުރިޔަށް ގެންދިއުމަށް ފުރުޞަތު ހުޅުވާލުމެވެ. 4 ދުވަހަށް ކުރިއަށްގެންދިޔަ މިއަހަރުގެ ފެއަރގެ ތެރެއިންވެސް ގިނަ ބައްދަލުވުންތަކެއް ބާއްވައި 2 އެއަރލައިނަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.
މިއަހަރުގެ ފެއަރގެ ތެރެއިންވެސް ކުރެވުނު މަސައްކަތުން ކުރިއަށް އޮތް ހައި ސީޒަނުގައި ފައިދާވާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.