ޚަބަރު

އައު ކޯލްޑް ސްޓޯރޭޖާއެކު ފެލިވަރުގައި މަސް ކިރުވައި، ރައްކާކުރަން ބޮޑު ލުޔެއް!


  • އައު ކޯލްޑް ސްޓޯރޭޖާއެކު މަސް ގަނޑުކޮށް ފިނިކުރެވޭނެ ފުރިހަމަ ނިޒާމެއް

  • މަސް ކިރުވުމުގެ ދުވެލި އެތައް ގުނައެއް އަވަސްވާނެ

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ނަމަވެސް، ޒަމާނުއްސުރެ މި ސިނާޢަތަށް ކުރިމަތިވެފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ބާނާ މަސް ތާޒާކަންމަތީ ރައްކާކުރެވޭނެ އެކަށީގެންވާ ޖާގަ ނުހުންނަ މައްސަލައެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަސްވެރިކަމުގެ ދާއިރާ ޢުމްރާނީގޮތުން ތަރައްޤީކުރުމަށް ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވަނީ މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތެވެ.

މަސް ކިރުވުމާއި ރައްކާކުރުމުގެ މުހިންމު ވިއުގައަށް ބަލާއިރު، ޅ. ފެލިވަރަކީ ފާހަގަކޮށްލެވޭ މަރުކަޒެކެވެ. ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިވަގުތު ފެލިވަރުގައި ކުރިއަށްގެންދަނީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަޝްރޫޢެވެ. ފެލިވަރުގައި މިހާރު ހުރި 750 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ އެ ރަށުގެ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެ ސަރަޙައްދުގެ މަސްވެރިންގެ އުފެއްދުންތެރިކަމަށް ބަލާއިރު އެކަށީގެންވާ ޖާގައެއް ނޫނެވެ. އެހެންކަމުން، ސަރުކާރުން މިހާރު އެރަށުގައި ޤާއިމުކުރަމުންދަނީ 4000 ޓަނުގެ ބިޔަ ކޯލްޑް ސްޓޯރޭޖެކެވެ. މި ވަސީލަތާއެކު މަސް ރައްކާކުރުމަށާއި މަސް ކިރުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ޔަޤީންކަން ދެއްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޯލްޑް ސްޓޯރޭޖްގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުލްހާދީ މުޙައްމަދު ވިދާޅުވީ، މިހާރުގެ އޮޕަރޭޝަންތައް ކުރީގެ ގޮތްތަކާ ތަފާތު ކަމަށާއި، ކުރިން 50 ޓަނު ފްރީޒްކުރި ނަމަވެސް، މިހާރު ފްރީޒް ކުރުމުގެ ބަދަލުގައި މަސްވެރިންނާ ބޯޓުފަހަރުން ގަންނަ މަސް ރައްކާކުރަނީ އާރްއެސްޑަބްލިޔު ނިޒާމުގައިަކަމށެވެ. އެ ނިޒާމުގައި މަސް ބެލެހެއްޓުމަށްފަހު ކޭނެރީއަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އައު ކޯލްޑް ސްޓޯރޭޖް އައުމުން މަސް ގަނޑުކޮށް ފިނިކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެއެވެ. މީގެއިތުރުން، އައު ތަން ހުޅުވުމުން މަސް ކިރުމުގެ ދުވެލި އެތައް ގުނައަކަށް އަވަސްވެގެންދާނެ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

"އައު ތަން ހުޅުވުނީމައި މަސް ކިރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. 3 ކްރޭނުން މަސް ކިރާނެ. މިހާރު އަޅުގަނޑުމެން އަތުން ސޯޓުކޮށްގެން މަސް ކިރަމުން މިދަނީ. މަސްވެރި މޫސުމަށް ބަލާއިރު ދުވާލެއްގެ މައްޗަށް 200 އެއްހާ ޓަނު ކިރޭނެ." ހާދީ ވިދާޅުވިއެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރަނީ ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައެވެ. މި މަޝްރޫޢުގެ ތެރެއިން ޒަމާނީ އައު ބަނދަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަސް ކިރައި އުފުލުމުގެ ފަސޭހައަށްޓަކައި ބަނދަރުގައި މިހާރު ވަނީ 3 ކްރޭންވެސް ހަރުކޮށްފައެވެ.

ފެލިވަރުގެ މި ބޮޑު މަޝްރޫޢަކީ ޚާއްޞަކޮށް ރާއްޖޭގެ އުތުރުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. އުތުރުގެ މަސްދޯނިފަހަރަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެ އިންތިޒާމު ހަމަޖެހުމުން، މަސް ކިރުމަށްޓަކައި ދެކުނުގެ ކޫއްޑޫއަށް ކުރަންޖެހޭ ދިގު އަދި ބުރަ ދަތުރުތަކަށް ނިމުމެއް އަންނާނެއެވެ. މީގެ ސަބަބުން މަސްވެރިން ތެލަށްކުރާ ބޮޑު ޚަރަދު ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި ވަގުތުގެ ގޮތުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބި، މަސްވެރިކަމުގެ ސިނާޢަތަށް އައު ދިރުމެއް ލިބިގެންދާނެއެވެ.