ތަރައްޤީގެ ޕްލޭނެއް އޮތުމުން އެއް މިސްރާބަކަށް ދިޔުމަށް ދިވެހި ރައްޔިތުންނަށްވެސް ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2040 ވަނަ އަހަރާހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް "ނޭޝަން ޗެޓް" ގައި އަލިއަޅުއްވާލައްވަމުންނެވެ.
ދިވެހިރާއްޖެ 2040 ވަނަ އަހަރަށްދާއިރު ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް އެރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ 2024 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުގައި އިއްވެވި ތަޤުރީރުގައެވެ. އާބާދީގައި 4 ލައްކަ ހަމަނުވާ ކުޑަކުޑަ ރާއްޖެއިން އެކަން ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމެއްގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ސަބަބު އެމަނިކުފާނުވަނީ ނޭޝަން ޗެޓްގައި ވިދާޅުވެދެއްވާފައެވެ.
"ބައެއް ފަރާތްތަކުން ސުވާލު އުފައްދަފާނެ، ކީއްވެގެންތޯ އެތަނުގައި އެކަން ޢިއުލާނުކުރީ. އެއީ ވޯލްޑް ސްޓޭޖަށް ބަލާއިރުގައި އެންމެ ބޮޑު ސްޓޭޖް، ޤައުމެއްގެ ވާހަކަދައްކަން ޤައުމުތަކަށް ލިބޭ އެންމެ މުހިންމު ފުރުޞަތު އެއީ. އެހެންވީމަ އަޅުގަނޑު ބޭނުންވީ ދިވެހި ރައްޔިތުންގެ އެސްޕިރޭޝަންސް ހުރިގޮތް އަދި އަޅުގަނޑުމެން ބޭނުންވާގޮތް އެތަނުގައި ޢިއުލާންކުރަން." ރައީސް ވިދާޅުވިއެވެ.
އެކި ދުވަސްވަރު ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު މަސައްކަތްކުރެއްވުމަށް ލިބިވަޑައިގަތް ފުރުޞަތުތަކުގައި އެންމެ ބޮޑަށް ފާހަގަވީ އެއްކަމަކީ، ސަރުކާރުތައް ބަދަލުވުމާއެކު ބޮޑެތި މަޝްރޫޢުތައް ހުއްޓުވާލުމާއި، ޤައުމުގެ މިސްރާބު މުޅިން އެހެން ދިމާއަކަށް ގެންދާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ތަރައްޤީއަށް ވާޞިލުވުމަށް ޤައުމަށް ކުރިމަތިވަމުންދާ ބޮޑު ހުރަހެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2040 އަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަކީ އެއްވެސް ރައްޔިތަކު ދެބަސްވާނެކަމެއް ނޫންކަމަށެވެ. އަދި މިކަން ކަށަވަރުކުރުމަށް ދުރުރާސްތާގެ ޕްލޭނެއް އެކުލަވާލާ އެޕްލޭނަށް ޤާނޫނީ ރައްކާތެރިކަން ދެއްވުމަށް ނިންމަވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މިސްރާބު ކަށަވަރުކުރެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާ ދިވެހީންގެ ބައިވެރިވުމާއެކު އެކުލަވާލާ ތަރައްޤީގެ މާސްޓަރ ޕްލޭނަކީ ސަރުކާރުތައް ބަދަލުވުމަކުން އެއަށް ބަދަލު އަންނަންޖެހޭކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ޕްލޭނަކާއެކު ކުރިއަށްދާނަމަ ދިވެހި ރައްޔިތުންނަށްވެސް ވަކި މިސްރާބެއްގައި ކުރިއަށްދިޔުމަށް ފަސޭހަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މި މާސްޓަރ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް އެބަކުރަން. މިހާރު ޑްރާފްޓިންގެ މަސައްކަތްވެސް އެބަހިނގާ." ރައީސް ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށްޓަކައި 5 ދާއިރާއަކަށް އަމާޒުކޮށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސަޤާފަތާއި، އިސްލާމީ އަދަބު ދެމެހެއްޓުމާއި، އިޤްތިޞާދު އާރާސްތުކުރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމާއި، އިޖުތިމާޢީ ތަރައްޤީއާއި، ތިމާވެށި ދެމެހެއްޓުމާއި، އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމުގެ މައްޗަށް ތަރައްޤީގެ ޕްލޭން ބިނާކުރުމަށްވަނީ ނިންމާފައެވެ.