ޚަބަރު

ކެއްކުމުގެ ދާއިރާގައި ދޭ އެންމެ ޝަރަފު އެވޯޑަށް މިފަހަރުވެސް ޤައުމީ ޔުނިވަރސިޓީން ވާދަކުރަނީ


"ވޯލްޑް ކަލިނަރީ އެވޯޑްސް"އަށް މި އަހަރުވެސް ދިވެހިރާއްޖޭ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ނޮމިނޭޓްވެެއްޖެއެވެ.

މި އެވޯޑަކީ ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ގޮތުން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މިއަހަރުގެ "ވޯލްޑް ކަލިނަރީ އެވޯޑްސް"ގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ނޮމިނޭޓްވީ އިންޑިއަން އޯޝަންގެ ކެޓަގަރީން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓް"ގެ ބައިންނެވެ.

2020 ފެށިގެން މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ބާއްވާ މި އެވޯޑް 2021 ވަނަ އަހަރު އެފްއެޗްޓީއެސްއިން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިދިޔަ އަހަރުވެސް އެ ފެކަލްޓީ ވަނީ އެވޯޑަށް ނޮމިނޭޓްވެފައެވެ.

"ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުށަން"އަކަށް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ ނޮމިނޭޓްވެފައިވާއިރު، މި އެވޯޑް ދޭނެ ފަރާތެއް ކަނޑައަޅާނީ އާއްމުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ވޯޓުލުން ހުޅުވާލެވިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

އެމް.އެން.ޔޫ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނަތް ސާލިހް ވިދާޅުވީ އެ ފެކަލްޓީއަށް މި އެވޯޑް ހޯދުމަށް ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ވޯޓް ހޯދުމަށް މިމަހުގެ 17 ވަނަ ދުވަހު މާލޭ ރަސްފަންނުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އުންމީދު ކުރަނީ މިއީ ހަމައެކަނި އެމް.އެން.ޔޫއަށް ލިބޭ އެއްޗެއް ގޮތަށް ނުދެކި ގައުމަށް ލިބޭ އެއްޗެއް ގޮތުގައި ދެކިގެން ވީހާވެސް ގިނަ ބޭފުޅުން ވޯޓު ދެއްވުން" ޒީނަތު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ 1987 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގެ އެކި މަސައްކަތްތަކަށް މީހުން ބިނާކުރަމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ މުޢައްސަސާއެވެ. އެ މުއައްސަސާގެ ދަށުން ތަމްރީންވެފައިވާ ތިބި މީހުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލްނަރީ ދާއިރާގެ އެކި މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.