ޚަބަރު

ސިޓީން ގޯސްކޮށް ކަމެއް ނުކުރާކަން ސާބިތުކޮށްދެވޭނެ: ޗެއާމަން


  • ސިޓީ އާއި މެދު މީހުން ދެކޭގޮތް ބަދަލުކޮށް އިތުބާރު ގެއްލުވާލަން ގިނަ ފަރާތްތަކަކުން މަސައްކަތް ކުރޭ: ޗެއާމަން

އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާ ތަކުން އެކްލަބް ސަލާމަތް ވާނެކަމުގެ ފުރިހަމަ ޔަގީން ކަމާއި އިތުބާރު އެބައޮތް ކަމަށް ސިޓީގެ ޗެއާމަން ހަލްދޫމް އަލް މުބާރަކް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުން ސިޓީއާއި ދެކޮޅަށް އުފުލި 115 ދައުވާގެ ތެރެއިން 114 ދައުވާ އެކްލަބްގެ މަޗަށް ސާބިތުވާކަމަށް މިމައްސަލަ ބެލި މިނިވަން ކޮމިޝަނުން ނިންމާފައިވާކަމަށް އިނގިރޭސި މީޑިއާ ތަކުން ހާމަކުރުމާއި ގުޅިގެން ކްލަބްގެ ސަޕޯޓަރުންނަށް ނިސްބަތްކޮށް ސިޓީގެ ވެބްސައިޓްގައި އާންމުކުރި ސިޓީއެއްގައެވެ.

އަލް މުބާރަކް އާންމު ކުރި މިސިޓީގައި އޭނާ ބުނެފައިވަނީ ހުކުރު ދުވަހު މީޑިއާއިން އެކްލަބާއި ގުޅޭގޮތުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ތީގެތެރެއިން ގިނަ ސަޕޯޓަރުން ދުވަހުގެ ބޮޑުބައި ހޭދަކޮށްފައިވާނީ އެކިފަރާތްތަކުން ކުރިމަތިކުރުވަމުންދިޔަ ސުވާލުތަކާއި މެސެޖުތަކަށް ޖަވާބު ދިނުމުގައިކަން އެނގޭ ކަމަށެވެ. އަދި އޭނާވެސް މުޅިދުވަސް ހޭދަކުރީ އެކަމުގައިކަމަށް އަލް މުބާރަކް ހާމަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އަލް މުބާރަކް އޭނާގެ އާއިލާއަށް ދިން ޖަވާބު ހާމަކުރަމުން ބުނެފައިވަނީ މިމައްސަލަ އާއި ގުޅިގެން ޕްރިމިއަރ ލީގުން ކުރިއަށް ގެންދާ ޕްރޮސެސް ފުރިހަމަވާން އަދި ވަރަށް ގިނަ މަރްހަލާތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އަދި މިމައްސަލައިގާ އެކްލަބުން ގޯސްކޮށް އެއްވެސް ކަމެއް ނުކުރާކަން ސާބިތުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު މިމައްސަލަ އެންމެ ފުރަތަމަ ޕްރިމިއަރ ލީގުން އުފުލި ދުވަހު އޮތް ވަރަށް މިއަދުވެސް އެބައޮތް ކަމަށެވެ.

މިމައްސަލައިގައި ސިޓީއިން ގޯސްކޮށް ކަމެއް ކޮށްފައިނުވާކަން ސާބިތު ކޮށްދެވޭނެ ކަމުގެ އެހާބޮޑު ޔަގީންކަމަކާއި އިތުބާރެއް އޮތް ސަބަބުތައް ކްލަބްގެ ސަޕޯޓަރުންނަށް ހާމަކޮށްދޭން ވަރަށް ބޭނުން ކަމަށާއި ނަމަވެސް މިމައްސަލަ ކުރިއަށްދާތީ ސިއްރު ހިފެހެއްޓުމަށް އެއްބަސްވެފައިވާތީ އާއި މިހާރު ކުރިއަށްދާ މަރުހަލާތައް ގަވައިދު ތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެކްލަބުން އިހްތިރާމް ކުރާތީ މިކަންކަން މިވަގުތު ހާމަކޮށްދެވެން ނެތީކަމުގައި އަލް މުބާރަކް ބުނެފައިވެއެވެ. އަދި މިސިޓީ އާންމު ކުރުމުގެ ކުރިންވެސް މިދެންނެވި ކަންތައްތަކަށް ފެތޭތޯ ބެލުމުގެ ގޮތުން ގިނަ ބަޔަކު ބަލާ ފާސްކޮށްފައިވާކަމަށް އޭނާ ހާމަކުރިއެވެ.

ސިޓީގެ ޗެއާމަން ބުނީ އެކްލަބާއި މެދު މީހުން ދެކޭގޮތް ބަދަލުކޮށް އެކްލަބާއި މެދު އޮތް އިތުބާރު ގެއްލުވާލަން ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބަޔަކު މިހާރުވަނީ ސިޓީ އާއި މެދު އަމަލު ކުރަންވީ ގޮތްވެސް ކަނޑައަޅާ ނިންމާފަކަމަށް އަލް މުބާރަކް ސިފަކުރިއެވެ. ނަމަވެސް 2008 ވަނަ އަހަރުން ފެނިގެން އެކްލަބްގެ ޗެއާމަންކަން ކުރަމުން އަންނަ އަލް މުބާރަކް ބުނީ ކްލަބްގެ އެއްވެސް ކަމަކަށް ބަދަލެއް އައިސްފައިނުވާކަމަށެވެ. މީގެކުރިންވެސް ކްލަބަށް ދިމާވި ހުރިހާ ގޮންޖެހުންތަކަކާއިވެސް ސިޓީއިން ކުރިމަތިލާފައިވަނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

މީގެއިތުރުން ސިޓީއިން މިހާރު ދަތުރު ކުރަމުންދާ މިސްރާބު ބަދަލު ކުރުމަށް ގިނަ ފަރާތްތަކެއް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިކަންތައްތައް ކާމިޔާބު ވިޔަ ނުދޭނެކަމަށްވެސް އަލް މުބާރަކް ހާމަކުރި އެވެ.