ޚަބަރު

ބީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދައުރަކަށް އިފްތިޚާރު ޢައްޔަނުކޮށްފި


ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން ލިމިޑެޓް، ބީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދައުރަކަށް މ. ލިއުޒިއާނާ، އަޙްމަދު އިފްތިޚާރު ޢައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީ.ސީބީއިން ވިދާޅުވީ، ބީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނަން-އެގްޒެކެޓިވް މެންބަރުކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު އިފްތިޚާރު، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނަން-އެގްޒެކެޓިވް މެންބަރުކަމުގެ އިތުރު ދައުރަކަށް މިމަހުގެ 8 ވަނަ ދުވަހު ޢައްޔަނުކުރައްވާފައިވާކަމަށެވެ. އަދި އޭނާ މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުންކަމަށެވެ.

އިފްތިޚާރު ބީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރިކަމުގެ ލިޔުން ޙަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މިނިސްޓްރީ އޮފް ފިނޭންސްގައެވެ. މި ރަސްމިއްޔާތުގައި އިފްތިޚާރު މި މަޤާމަށް ޢައްޔަނުކުރިކަމުގެ ލިޔުން ޙަވާލުކުރެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕީ.ސީ.ބީއިން ވަނީ އެ ބޯޑުގެ ޤާނޫނާއި ކޯޕަރޭޓް ގަވަރނަންސް ކޯޑާ ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ، އެ ބޯޑުން ކުރިއަށްގެންދިޔަ ބީ.ސީ.ސީގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްޞާކޮށް އެކަންކަން އިޞްލާޙުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބީ.ސީ.ސީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ދައުރަކަށް ޢައްޔަނުކުރެއްވި އަޙްމަދު އިފްތިޚާރަކީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނާރޒް) ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

މިވީ މުއްދަތުގެ ތެރޭގައި އިފްތިޚާރު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޕޮލިސީ ކޯޑިނޭޝަން ސެކްޝަން އަދި ޑިރެކްޓަރ ކޮމްޕެނީ އެފެއާރޒްކަމުގެ މަޤާމު ހިމެނެއެވެ.