މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގައި ކީރިތި ޤުރުއާން މުޤައްރަރު އެއްގޮތްކުރުމުގެ ޤަވާޢިދެއް އެކުލަވާލައްވައި އަމަލުކުރައްވަން ފަށްޓަވައިފިއެވެ.
މި ޤަވާއިދު އެކުލަވައިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކީރިތި ޤުރުއާން ހިމެނޭ މަތީ ތަޢުލީމުގެ ޕްރޮގްރާމުތަކުގެ މުޤައްރަރު އަަދި މުއްދަތު އެއްގޮތްކުރެއްވުން ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވިދާޅުވެއެވެ.
"ކީރިތި ޤުރުއާނުގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑްތައް" ގައިވާ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މަތީ ތައުލީމުގެ ޕްރޮގުރާމްތައް އެކްރެޑިޓް ކުރާނީ އެ ޤަވާޢިދުގައި ބަޔާންކުރައްވައިފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ. އެ ބަދަލާއެކު ޤުރުއާނު އިލްމުގެ ދާއިރާގެ ކޮލިފިކޭޝަންތަކެއް ކަމުގައި ބައްލަވާނީ ޤާރީ، ޤިރާޢަތު ޕްރޮގްރާމުތަކާއި، ޤުރުއާން ޓީޗިން ޕްރޮގްރާމުތައް އަދި އިމާމް ޕްރޮގްރާމުތަކެވެ.
• ކޯ-މޮޑިއުލްތައް
• ކޯ-މޮޑިއުލްތަކުގެ މުޤައްރަރު
• ކޯހުގެ މުއްދަތު
• ކްރެޑިޓް
• ޓީޗަރުންގެ ޝަރުތުތައް
• ޕްރޮގްރާމްތަކަށް ވަދެވޭ ޝަރުތުތައް
މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރީޓީން ވިދާޅުވީ، މި ސްޓޭންޑަރޑްތަކަކީ ކީރިތި ޤުރުއާންގެ ޢިލްމު މަތީ ތައުލީމުގެ ޕްރޮގްރާމުތަކުގެ ފެންވަރާމެދު ޢާންމުންނާއި، ތަޢުލީމީ ދާއިރާގެ މާހިރުން އަދި ސަރުކާރުގެ އިދާރާތަކާއި ދަރިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ކުޑަކުރުމަށް އެކުލަވައިލއްވި ސްޓޭންޑަރޑްތަކެކެވެ.
މި ޤަވައިދުގައި ވާގޮތުން ކިޔަވާ މަރުކަޒު ބަދަލުކުރުމުން މުޤައްރަރު ތަފާތުނަމަ، ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށާއި ދަރިވަރުން ކިޔަވާފައި ނުވާ ފިލާވަޅުތައް ކިޔަވައިދިނުމުގައި ޓީޗަރުންނަށް އިތުރު ބުރައެއް ކުރިމަތިވެއެވެ. އެކަމުގެ ސަބަބުން މުޤައްރަރު ފުރިހަމަ ކުރުމަށްވެސް ލަސްކަމެއް ކުރިމަތިވެއެވެ.
މި ޤަވާޢިދުގައި ސެޓިފިކެޓް ލެވެލް 1 ން ފެށިގެން ބެޗްލަރސް ޑިގްރީ ކޮލިފިކޭޝަން ޕްރޮގްރާމްތަކުގައި ހިމަނަންޖެހޭ ކޯ-މޮޑިއުލްތަކާއި، ކޯ-މޮޑިއުލްތަކުގައި ކޮންމެހެން ހުންނަންޖެހޭ މުޤައްރަރުތައް ތަފްޞީލުކޮށްދީފައިވެއެވެ.
މީގެ އިތުރުން ބައެއް މަރުކަޒުތަކުން ޕްރޮގުރާމް ކުރިއަށް ގެންދަންޖެހޭ ވަރަށްވުރެ ކުރު މުއްދަތެއްގައި ކިޔަވައިދޭކަމަށާއި، ޤުރުއާނާބެހޭ ކޯސްތަކަށް އެހެން ޕްރޮގްރާމުތަކަށްވުރެ ދިގު މުއްދަތެއް ހޭދަވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އެމްކިއުއޭއިން ފާހަގަކުރައްވާގޮތުގައި ކީރިތި ޤުރުއާން މުޤައްރަރު އެއްގޮތް ކުރެއްވުމުގެ ޤަވައިދެއް އެކުލަވާލެއްވުމުގެ ސަބަބުން މިހާރު ފެންމަތިވާ މައްސަލަތަކަށް ޙައްލެއް ލިބޭނެއެވެ.