ޚަބަރު

160،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް މިއަހަރު ރާއްޖޭގެ 4 ސިޓީގައި


160،000 ރުފިޔާގެ އިނާމާއެކު އުރީދޫ މަސްރޭސް މި އަހަރު ރާއްޖޭގެ 4 ސިޓީގައި ބާއްވަން ކަނޑައަޅައިފިއެެވެ. މިއަހަރު އުރީދޫ މަސްރޭސް ބާއްވަން ނިންމައިފައިވަނީ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާވެސް ގުޅުވައިގެންނެވެ.
އޯގަސްޓްމަހު ބޭއްވޭ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތައްކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މަސްރޭސް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ 4 ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށް އަދި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޙަރަކާތެކެވެ.

މަސްދޯންޏެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސްއިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިޢުލާނުކޮށްފައެވެ. އަދި، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، މަސްވެރިކަމުގެ ފޯރި އިތުރުކޮށް، ރާއްޖޭގެ 4 ސިޓީއެއްގައި މިފަހަރުގެ މުބާރާތް ބޭއްވޭކަމީ އުރީދުއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ޙައިސިއްޔަތުން މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަކުންވެސް ބައިވެރިވުމަށް އޭނާ ދައުވަތުދެއްވިއެވެ.

"އުރީދޫ މަސްރޭސް 2023 އިންތިޒާމްކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީއަށްވެސް މި މުބާރާތް މިވަނީ ފުޅާކުރެވިފައި" އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

މަސްރޭހާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސަން ރަޝީދު ޙަސަން ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ މުހިންމު މަސައްކަތެއްކަމުން، މި އާދަކާތައް ދަމަހައްޓަން މުޖުތަމަޢު ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަޞީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކުރަން ޖެހޭކަމަށެވެ. އަދި މަސްރޭސް މުބާރާތަކީ މިކަން ކޮށްދޭ އެންމެ ރަނގަޅު އެއް ޕްލެޓްފޯމްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މުބާރާތް ބާއްވާ ތަނާއި ތާރީޚު:

• މާލެ ސިޓީ: 4 އޮގަސްޓް 2023
• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
• އައްޑޫ ސިޓީ: 18 އޮގަސްޓް 2023
• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

މުބާރާތައް ހުށަހެޅިފައިވާ ފައިސާގެ އިނާމްތައް:

• 1 ވަނަ ޓީމް: 25،000 ރުފިޔާ
• 2 ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ

ރާއްޖޭގެ ސިޓީގެ އެކި ކަންކޮޅުތަކުން ޝައުޤުވެރިވާ ފަރާތްތަކުން އުރީދޫ މަސްރޭސް މުބާރާތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް، މޫލީ މެދުވެރިކޮށް ގަނެވޭނެކަމަށް އުރީދޫން ބުނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރިއާއި ޓީޝާރޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެއެވެ.

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާ ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. 30 ޓީމަށްވުރެ ގިނައިން ރެޖިސްޓަރ ވެފައިވާނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ. ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެކަމަށް ވެސް އުރީދޫން ބުނެއެވެ.