ޚަބަރު

ވޯޓަރސް ލިސްޓަށް ޖުުމްލަ 551 ޝަކުވާ، ގިނައީ ނިޔާވެފައިވާ މީހުންގެ ނަން އޮތް މައްސަލަ


  • ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ ޖޫން 11 އިން 22 އަށް

  • މައިގަނޑު 6 ބާވަތެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅުން

  • ޖުމްލަ 551 ޝަކުވާ، ގިނައީ ނިޔާވެފައިވާ މީހުންގެ ނަތް އޮތް މައްސަލަ

  • 5 ދުވަހުގެ ތެރޭގައި ޝަކުވާތަކަށް ކޮމިޝަނުން ޖަވާބުދޭނެ

  • ޖަވާބާމެދު ހިތްހަމަނުޖެހޭނަމަ ކޯޓަށް މައްސަލަ ހުށަހެޅޭނެ

  • ޝަކުވާތަކަށް ބެލުމަށްފަހު ދެން އާއްމުކުރާ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެންނާނެ

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިމަހުގެ 22 އަށް ވަނީ ހަމަވެފައެވެ.

ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އެއީ މިމަހުގެ 11 އިން 22 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ. އަދި އެންމެ ގިނައިން ކޮމިޝަނަށް ހުށަހަޅާފައިވަނީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެންނެވެ.

ވޯޓާސް ލިސްޓަށް ހުށަހެޅި ޝަކުވާތައް:

• ނިޔާވެފައިވާ މީހުންގެ ނަން އޮތުމުން: 465 ޝަކުވާ
• އެޑްރެސް ބަދަލުވެފައިވާތީ: 58 ޝަކުވާ
• ލިސްޓުގައި ނަން ނެތުމުން: 19 ޝަކުވާ
• ނަން ބަދަލުވެގެން: 5 ޝަކުވާ
• ދާއިރާ ބަދަލުވެގެން: 3 ޝަކުވާ
• އައިޑީކާޑު ބަދަލުވެގެން: 1 ޝަކުވާ

ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ކޮމިޝަނަށް ޝަކުވާ ހުށަހެޅިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 348 ޝަކުވާ ހުށަހަޅާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި މި ޝަކުވާތަކަށް އެކޮމިޝަނުން ޖަވާބު ދޭނެކަމަށެވެ. އަދި ކޮމިޝަނުން ދޭ ޖަވާބާ މެދު، ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ވެސް އެފަރާތަކަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުން ޖުލައި 16 ގައި

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ލިސްޓަށް ހުށަހެޅުނު އިދާރީ ޝަކުވާތަކަށްފަހު، ވޯޓަރސް ލިސްޓުން އުނިކުރެއްވި ނަންތަކާއެކު މިހާރު ވޯޓު ދިނުމުގެ ޙައްޤު ލިބެނީ 282،672 މީހުންނަށެވެ. ނަމަވެސް ދާއިމީ ލިސްޓަށް ހުށަހެޅޭ ޝަކުވާތައް ބެއްލެވުމަށްފަހު ލިސްޓަށް އަދިވެސް ބަދަލުތަކެއް އަންނާނެއެވެ.

އެހެންނަމަވެސް ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތަކަށްފަހު ކޮމިޝަނުން ދެން އާއްމުކުރައްވާ ލިސްޓަށް އެއްވެސް އުނިއިތުރެއް ދެނެއް ނުގެންނާނެއެވެ.

ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކް ކޮށްލުމަކީ، ވޯޓުލާ މީހުންގެ ޞައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކެނޑިޑޭޓުންނާއި، ފަރުދީގޮތުންވެސް ކުރުން މުހިންމު ކަމެކެވެ. ލިސްޓުގައި ނަން އޮތްތޯ ބެލުމަށް 1414 އަށް ގުޅައިގެން ނުވަތަ އެސް.އެމް.އެސްއެއް ފޮނުއްވައިގެން ވެސް ޗެކް ކޮށްލެވޭނެއެވެ.

މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.

އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ ޢަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމަވާފައެވެ. މިއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 128 ފޮށީގެ އިތުރުވުމެވެ.