ޚަބަރު

ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް ވަރަށް އަވަހަށް ހާމަކުރާނަން: އަސްލަމް


  • 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަނީ 2 ކުންފުންޏަކާ ޙަވާލުކޮށްގެން

  • 3 ކޮޓަރިއާއި 2 ކޮޓަރީގެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކެއް

  • ޖާގަ ތަނަވަސް ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ތަންތަން

  • ފްލެޓް ލިބޭ މީހުންގެ ލިސްޓު ވަރަށް އަވަހަށް ޢާއްމުކުރައްވާނެ

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓުވެސް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ފުރަމާލެއިން ގޯތިލިބޭ ފަރާތްތަކުގެ ލިސްޓު ޢާއްމުކުރެއްވުމާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި އެ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން ގިނަ ތަންތަނަށް ގިނަ ބަޔަކަށް ވަދެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ. އަޅުގަނޑުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ގިނަ ފަރާތްތަކަށް އެ 4000 ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކަކަށް ވަދެވޭނެކަމަށް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް މިނިސްޓަރ ނުދެއްވައެވެ.

"ފްލެޓް ލިސްޓުގެ މަސައްކަތް ގާތްގަނޑަކަށް މި ހިސާބަށްގޮސްފައި އޮތީ. ދާދިއަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން. މާގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށްނުޖެހޭނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ހުޅުވާލުމުން 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވެއެވެ.

މާލޭގައި ތޮއްޖެހުން ކުޑަކޮށް، އެންމެ ބޭނުންވެފައިވާ ޢާއިލާތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ އެ 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މިފެލްޓަތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮނެމް އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށެވެ. މި 4000 ހައުސިން ޔުނިޓްގެ ޑިޒައިން މަރުހަލާގައިވެސް އެންމެ ބޮޑަށް އިސްކަން ދީފައިވަނީ، އެންމެ ފުރިހަމަ އަދި ހުރިހާ ގޮތަކުންވެސް ތަނަވަސް ތަނެއް ތަރައްޤީކުރުމަށްކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ.