ދެޖިންސުގެ މީހުންނަށްވެސް ކަމުދާނެފަދަ ތަފާތު އެކި ޕަރފިއުމް ބްރޭންޑްތަކުގެ އުފެއްދުންތަކާއެކު ޕޮއިސް ޕާރފިއުމްސްގެ އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މިއީ ހުޅުމާލޭގައި ހުޅުވި ޕޮއިސްގެ ފުރަތަމަ އައުޓްލެޓެވެ. މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ނިރޮޅުމަގުގައި ހުންނަ ލޮޓް ނަންބަރު 10421 ގައެވެ.
ޕޮއިސް ޕާރފިއުމްސްއަކީ ސެންޓާއި ބޮޑީ ސްޕްރޭ އަދި ފްރެންގްރެންސްއާއި ގުޅޭ ތަފާތު ބްރޭންޑްތައް ރާއްޖެ އެތެރެކޮށް އެކި ސަރަޙައްދުތަކަށް ޑިސްޓްރިބިއުޓްކުރާ ބައެކެވެ. ޕޮއިސްއިން ހުޅުމާލޭގައި އަލަށް މި ހުޅުވި އައުޓްލެޓުން ދެ ޖިންސުގެ ފަރާތްތަކަށް ޚާއްސަކޮށްގެން ޕޮއިސް އިން ވިއްކާ ތަފާތު ބްރޭންޑްތައް އެއްތާކުން އާއްމުންނަށް ލިބެން ހުންނާނެއެވެ.
ޕޮއިސްގެ ސޭލްސް އެންޑް މާރކެޓިން އެގްޒެކެޓިވް އަބްދުﷲ ހުޝާމް ވިދާޅުވީ، ޕޮއިސްގެ ކެޓެލޮގްގައި 50 ވަރަކަށް ބްރޭންޑް ހިމެނޭއިރު، އޭގެ ތެރޭގައި އެކި ފަންތީގެ މީހުންނަށް ކަމުދާނެ ކޮލެޓީ މޮޅު ބްރޭންޑްތައް ހިމެނޭކަމަށެވެ. އަދި އަލަށް މި ހުޅުވުނު ފިހާރައިންވެސް ސެންޓާއި، ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް، ޕަރފިއުމް އޮއިލް އަދި ކޮސްމެޓިކްސްގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެކަމަށް ހުޝާމް ވިދާޅުވިއެވެ.
"އާއްމުގޮތެއްގައި ޕޮއިސްއިން މި ގެންގުޅޭ މިޑްލް ރޭންޖް އަދި ހައި ރޭންޖްތަކުގެ ފެންވަރު ރަނގަޅު ބްރޭންޑްތައް މި ފިހާރައިން ލިބޭނެ. ޚާއްސަކޮށް ލަތާފާ، ރަސާސީ، އަދި ލުއިކާޑެން ބްރޭންޑުގެ ގިނަ ސެންޓުތަކަކީ ދިވެހިންގެ ތެރޭގައި މިހާރު މަޤުބޫލް ބްރޭންޑްތައް. އެ ބްރޭންޑްތައްވެސް މި ފިހާރައިން ލިބިގެންދާނެ" ހުޝާމް ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުޅުވި އައުޓްލެޓާއެކު އިތުރު ކަސްޓަމަރބޭސްއަކަށް ކޭޓަރކުރުމުގެ ފުރުޞަތު ލިބުނީތީ އެކަމާ އުފާކުރާކަމަށްވެސް ހުޝާމް ވިދާޅުވިއެވެ. އަދި މި ފިހާރައިން ހޯލްސޭލްކޮށް ތަކެތި ބައްލަވައިގަތުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ހުޝާމް ވިދާޅުވިއެވެ.
ޕޮއިސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މީގެ 14 އަހަރު ކުރިން 9 ސެޕްޓެމްބަރ 2009 ގައި މާލޭ ރަށްދެބައި މަގުގައެވެ. މިހާރު ޕޮއިސްގެ އިތުރު ޝޯވް ރޫމްތަކާއި ފިހާރަތައް މާލެއާއި އަތޮޅުތަކުގެ އެކި ސަރަޙައްދުގައި ވަނީ ހުޅުވާފައެވެ.