ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މޭމަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ


  • މެއިމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 48،129،659 މިލިއަން ރުފިޔާ

  • މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 11 އިންސައްތަ އިތުރުވުމެއް

  • އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ އޭޕްރީލްމަހު

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް 48.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން އެންމެފަހުން އާއްމުކުރި މެއިމަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޢަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.4 އިންސައްތަ އިތުރުވެފައެވެ.

އެގޮތުން މެއި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ޖުމްލަ 48،129،659 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި 48،109،756 މިލިއަން ރުފިޔާ އަދި 1300 ޑޮލަރު ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި މިރާއަށް ލިބިފައިވަނީ ޖުމްލަ 43،159،869 މިލިއަން ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ލިބުނު ފައިސާ:

• ޖެނުއަރީ: 5.1 މިލިއަން ރުފިޔާ
• ފެބްރުއަރީ: 5 މިލިއަން ރުފިޔާ
• މާރިޗު: 11.1 މިލިއަން ރުފިޔާ
• އެޕްރީލް: 22.3 މިލިއަން ރުފިޔާ
• މޭ: 4.5 މިލިއަން ރުފިޔާ

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 7312.55 ރުފިޔާ އެވެ.

މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.