ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤަކަށްވާއިރު ފަހަކަށް އައިސް ތަފާތު އެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމާއި، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ކުރަމުންދާ މައްސަލަ އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށެވެ،
ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާއި، އަދި އެނޫންވެސް ގޮންޖެހުންތަކުގެ އިތުރުން މިހާރަކަށް އައިސް ކައުންސިލަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަކަން މީޑިއާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ގޮތަކަށް ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތުނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށްވެސް އެޅިގެންދާ ވަރަށް ބޮޑު ހުރަހެއްކަމަށާއި، އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެކަމެއްކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ. އަދި މިއީ ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ހުރަސްއެޅިގެންދާކަމެއްގެގޮތުގައި މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ބެހޭގޮތުން ސާބިތުނުހިފޭ ވާހަކަދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް މީޑިއާ ކައުންސިލުން ވަނީ ގޮވައްލާފައެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތުނުހިފޭ ތުހުމަތުތައް ކުރުމާއި، ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށްވެސް އޭގެ ސަބަބުން ގެއްލުން ލިބޭކަމެއްގެގޮތުގައި ފާހަގަކޮށްފައިވެއެވެ. އަދި މިދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުންވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު، ޤާނޫނާއި ޤަވާއިދުތަކާއި "ދިވެހި މީޑީއާގެ އަޚްލާޤީ މިންގަނޑު"އާއި އުޞޫލުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.