ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ އެއްވެސް ބަޔަކު ބާކީ ނުވާނެހެން: އަސްލަމް


  • ހައުސިންގ މަޝްރޫޢުތައް ހިންގަނީ ހުރިޙާ ފަންތިއެއްގެ މީހުންނަށްވެސް އަމާޒުކޮށްގެން

  • 4000 ފްލެޓުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

  • ކުރިއަށްއޮތް 4 ވަރަކަށް އަހަރުތެރޭ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަމާޒުކޮށް ބައްޓަންކޮށްފައިވަނީ އެއްވެސް ބަޔަކު ބާކީނުވާނެހެން ހުރިހާ ފަންތިއެއްގެ ފަރާތްތަކަށްވެސް އެ ފުރުޞަތު ލިބޭނެހެންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، އަމިއްލަ ފަރާތަކާއި ޙަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރި "ވަން ސެންޓްރަލް ޕާކް ރެސިޑެންޝަލް ބިލްޑިންގ"އިިން ހައުސިންގ ޔުނިޓް ގަތް ފަރާތްތަކަށް އެ ޔުނިޓްތަކުގެ ތަޅުދަނޑި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 120 ހައުސިންގ ޔުނިޓް ގަތް ފަރާތްތަކަށް މި ރަސްމިއްޔާތުގައި އެޕާޓްމަންޓްތަކުގެ ރަމްޒީ ތަޅުދަނޑި ޙަވާލުކޮށްދެއްވީ މިނިސްޓަރ އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، މި މަޝްރޫޢަކީ 2010 ވަނަ އަހަރު ސޮއިކުރެވުނު މަޝްރޫޢެއްކަމަށާއި، ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ މަޝްރޫޢުގެ މަސައްކަތް 7 ވަރަކަށް އަހަރަށް މެދުކެނޑިފައިއޮތުމަށްފަހު، މަޝްރޫޢުގެ ބިންގާ އެޅި، މަސައްކަތް ފުރިހަމަކުރެވުނީ މި ސަރުކާރުގައިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މުޖުތަމަޢުއެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަށް ނޫންކަމަށެވެ. އަދި ރައްޔިތުން ތެރޭގައިވެސް ދިރިއުޅުމުގެ ޙާލަތާއި ފުދުންތެރިކަން ތަފާތުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމެއްކަމަށާއި، އެހެން ނަމަވެސް އެކި ގިންތިތަކަށް ބެހިފައިވާ ރައްޔިތުންވެސް ދިރިއުޅޭ ޤައުމެއްކަމުން، ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭގޮތަށް މަޝްރޫޢޫތައް ކުރިއަށްގެންދިއުން މުހިންމުކަމަށެވެ.

"2.2 މިލިއަން ރުފިޔާގެ އަގުޖެހޭ މި ހައުސިންގ ޔުނިޓްތައް ރާއްޖޭގެ ލެންޑިން އޭޖެންސީތަކުން ލޯނުދޭން ހުރި ޓާމްސްތަކަށް ބަލާއިރު އޭގެ ތެރެއިން %80 ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭނީ ގާތްގަނޑަކަށް 20800 ރުފިޔާ މަހަކު. 3 ކޮޓަރީގެ އެޕާޓްމަންޓެއް މިހާރުވެސް ރެންޓަލް މާކެޓުންވެސް 20 ހާހާއި 25 ހާސް ރުފިޔާއާއި ދޭތެރޭގައި ކުއްޔަށް ހިފަން ލިބިދާނެ. އެހެންނަމަވެސް އެއީ އަމިއްލަވާ ތަންތަނެއްނޫން. މިއަދު މި 120 ހައުސިންގ ޔުނިޓަށް ތިބޭފުޅުން ތި ވަންނަނީ އަމިއްލަތަނެއްގެ ގޮތުގައި" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި 120 ހައުސިންގ ޔުނިޓަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ހުރިހާ ފަރާތަކުންވެސް ދައްކާ ނިންމާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، މިކަމުންވެސް މިޑް ރޭންޖުގެ ހައުސިންގއަށް ޑިމާންޑް އޮތް މިންވަރާއި، ރައްޔިތުންގެ ތެރޭގައި މިކަން އެފޯޑްކުރެވޭ ބަޔަކު ތިބިކަން ހާމަވާކަމަށެވެ. އަދި ސަރުކާރުގެ ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާއިރު އަމާޒުކުރަނީ ވަކި ބަޔަކު ބާކީނުވެ ހަމައެކަނި އެއް ފަންތިއެއްގެ ބަޔަކަށް ގެދޮރު ލިބޭނެގޮތަށް ނޫންކަމަށާއި ސޯޝަލް ހައުސިންގއިން ފެށިގެން ހައި ރޭންޖް ހައުސިންގއާއި ހަމައަށްވެސް ތަފާތު މަޝްރޫޢުތައް މިވަގުތުވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާލޭ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތާއި، އިންޑިއާގެ ދެ ކުންފުންޏަކާއި ޙަވާލުކޮށްގެން ކުރިއަށްދާ 4000 ފްލެޓުގެ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ފަރާތްތަކާއި ޙަވާލުކޮށްގެން ހިންގާ މިޑްލް އިންކަމް ހައުސިންގއާއި ހައި އެންޑް ހައުސިންގ މަޝްރޫޢުތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ހުރިހާ މަޝްރޫޢެއްގެވެސް މައިގަނޑު އަމާޒަކީ މާލޭ ސަރަޙައްދަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް މުސްތަޤުބަލެއްގައި ބޮޑު ޙައްލެއް ހޯދައިދިނުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ބިންވެރިކުރުމާއި، ފްލެޓްތައް ދިނުމާއި އޭގެ ތެރޭގައި ސޯޝަލް ކެޓެގަރީތަކާއި މިޑިލް އިންކަމް ކެޓެގަރީތަކާއި ހައި އެންޑް ކެޓެގަރީއަށް އަޅުގަނޑުމެން ޕްރޮވައިޑްކޮށްދިނީމަ އެ ޙައްލު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް. އަޅުގަނޑުމެންގެ އެބައޮތް ތަޞައްވުރެ، އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އަޅުގަނޑުމެންނަށް ކަން ކުރަން އެނގޭ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރީތިގަސް މަގުގައި ތަރައްޤީކޮށްފައިވާ "ވަން ސެންޓްރަލް ޕާކް ރެސިޑެންޝަލް ބިލްޑިންގ" ހައުސިންގ ޔުނިޓްތައް ޚާއްސަކޮށްފައިވަނީ މެދުފަންތީގެ ޢަމްދަނީ ލިބޭ ފަރާތްތަކަށެވެ. މިއީ ހުސް 3 ކޮޓާރީގެ އެޕާޓްމަންޓްތަކެކެވެ. މިތަނުގެ އެޕާޓްމަންޓެއްގެ އަގު 2.2 މިލިއަން ރުފިޔާއަރައެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ އަސޯޓެކް ރިއަލިޓީއާއި ރާއްޖޭގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ގުޅިގެންނެވެ.