ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފެރީތައް ގދ. ތިނަދޫއަށް ގެންގޮސްފިއެވެ. ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމް.ޓީ.ސީ.ސީން ބުނީ ހުވަދޫ އަތޮޅުގައި މިމަހުގެ 13 ވަނަ ދުވަހު އާރުޓީއެލްގެ ޚިދުމަތް ފަށާއިރު އަގެއް ނުނަގާނެކަމަށާއި، ފުރަތަމަ ކުރިއަށްދާނީ އަޖުމަ ބެލުމުގެ ދަތުރުތައްކަމަށެވެ. އަދި އަގު ނަގައިގެން ރަސްމީކޮށް އާރުޓީއެލްގެ ޚިދުމަތް ދޭން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ހުވަދޫ އަތޮޅުގައި ދުއްވާ އާރުޓީއެލް ފެރީތައް އޮޕަރޭޓްކުރަން 80 މުވައްޒަފުން އެ އަތޮޅުން ނަގައިގެން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ރައީސް @ibusolih ގެ ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުންހުވަދޫ އަތޮޅަށް ބޭނުންވާ @RTLnetwork ގެ ލޯންޗް ތައް މިއަދު ވަނީ ތިނަދޫ އަށް ގެނެވިފައި. @MTCCPlc @MoNPHImv
— Adam Azim (@adamazim) July 7, 2023
#Heyoverikan #UfaaveriAmaanRaajje pic.twitter.com/PgHY8aQt2f
ހުވަދޫގައި އާރުޓީއެލް ޚިދުމަތް ފެށުމަށް 6 ފެރީ އެ އަތޮޅަށް ފޮނުވާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ފެރީތައް އެ އަތޮޅަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާރުޓީއެލް ޚިދުމަތްދިނުމަށް 10 ފެރީއެއް އެއަތޮޅުގައި ހަރަކާތްތެރިވާނެއެވެ. މި ޚިދުމަތުގައި ބޭނުންކުރަމުންދަނީ ދުވެލި އަވަސް، ޒަމާނީ އަދި ރައްޔިތުންނަށްވެސް ފަސޭހަވާނެހެން ފަރުމާކޮށް ބަނދެފައިވާ ޚާއްސަ އުޅަނދުތަކެކެވެ.
ހުވަދުއަތޮޅަކީ އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާ 5 ވަނަ އަތޮޅެވެ. މީގެކުރިން ހއ، ހދ، ށ އަދި ޅ އަތޮޅުގައި ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ފެށިތާ އަހަރެއްވީއިރު، 260000 އަށްވުރެ ގިނަ މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. ފެރީ ނިޒާމުގެ ސަބަބުން މީގެކުރިން އެކެހެރިވެފައިވާ އެތައް ރަށަކަށް ދިޔުމުގައި ފަސޭހަތަކެއްވަނީ ލިބިފައެވެ. ހަމައެއާއެކު ބޮޑު ހޭދައެއްކޮށްގެން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތެރޭގެ ރަށްރަށަށް ކުރި ދަތުރުތައް ކުޑަ އަގެއްގައި ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ކުރެވޭނެ މަގު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.