ޗައިނާއާއެކު އޮންނަ ވިޔަފާރީ ގުޅުން ކަނޑާލަން މަސައްކަތްނުކުރާކަމަށާއި، އަދި އެއީ ކުރެވޭނެކަމެއްވެސް ނޫންކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ބެއިޖިންގެ އެއަރޕޯޓްގައި ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔެލެން ވިދާޅުވީ އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަކީ މުޅި ދުނިޔެއަށްވެސް އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާ ގުޅުންތަކެއްކަމަށެވެ. އަދި އެމެރިކާއާއި ޗައިނާގެ ވިޔާފާރީގެ ގުޅުން ކެނޑުމަކީ މުޅި ދުނިޔެއަށްވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނޭކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އެމެރިކާގެ ޓެރެޜަޒީ ސެކްރެޓަރީ ނުވަތަ އިޤްތިޞާދީ އަދި މާލީ ކަންކަމާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރާ ވަޒީރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ހީނަރުވެފައި އޮތް ވިޔަފާރީގެ ގުޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ޔެލެން ވިދާޅުވީ މި ދަތުރުފުޅުގައި ޗައިނާގެ އިޤްތިޞާދީ އަދި މާލީ ކަންކަމާއި ގުޅޭ އެންމެ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެެއްވިކަމަށެވެ. އަދި މި މައްސަލަތަކަކީ އެންމެ ދުވަހަކުން ހައްލު ކުރެވޭނެ މައްސަލަތަކެއް ނޫންކަމަށާއި، ނަމަވެސް މި ދަތުރުގެ ސަބަބުން މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ ދޮރު ހުޅުވިގެން ގޮސްފައިވާކަމަށް ޤަބޫލުކުރައްވާކަމަށް އެމެރިކާގެ މާލީ ވަޒީރު ވިދާޅުވިއެވެ.
"10 ގަޑިއިރެއްހާއިރު ހޭދަވި 2 ދުވަހުގެ ބައްދަލުވުންތަކަކީ ޗައިނާއާއި އެމެރިކާގެ ގުޅުން ހަމައަކަށް އަޅުވަން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް" ޔެލެން ވިދާޅުވިއެވެ.
ޗައިނާއާއި އެމެރިކާގެ ގުޅުންތައް ރަނގަޅުކުރަން އެމެރިކާއިން މަސައްކަތްތަކެއް ކުރަމުންދިޔަނަމަވެސް، އެ ޤައުމުން ޗައިނާއާ ދެކޮޅަށް އަޅާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ މަސައްކަތަށް މާ ބޮޑު ކުރިއެރުންތަކެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ޔެލެން ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމާތަށް ނުރައްކާވާ ކަންކަމުގައި އެ ޤައުމުން ފިޔަވަޅުތައް އަޅާނެކަމަށާއި، ނަމަވެސް އެކަން ކުރާނީ ދެ ފުށް ފެންނަގޮތަށްކަމަށެވެ. ނަމަވެސް އެއީ ވަކި ޤައުމަކާއެކު އޮންނަ ގުޅުންތައް ހީނަރުކުރުމުގެ ނަމުގައި ކުރާ ކަންތައްތަކެއް ނޫންކަންވެސް ޔެލެން ފާހަގަކުރެއްވިއެވެ.
"ގުޅުންތައް ކަނޑާލުމާއި، ޤައުމީ ސަލާމަތަށް ނުރައްކާ އޮވެގެން ފިޔަވަޅު އެޅުމަކީ ވަރަށް ތަފާތު ދެ ކަމެއް" ޔެލެން ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނަވާ ޔެލެން ވިދާޅުވީ ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ބޮޑެތި މައްސަލަތަކަށް ވާޙަކަ ދައްކައިގެން ހައްލުތައް ގެނެސް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށެވެ. އަދި އެއީ ދެ ޤައުމުންވެސް އަދާކުރަން މަޖުބޫރު މަސްއޫލިއްޔަތެއްގެ ގޮތުގައި ޔެލެން ފާހަގަކުރެއްވިއެވެ.
އެމެރިކާއިން އަޅާ ބައެއް ފިޔަވަޅުތަކަކީ ޗައިނާގެ އިޤްތިޞާދަށް ގެއްލުންދިނުމުގެ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރާތީ ޔެލެން ވިދާޅުވީ، މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އަޅަނީ އެފަދަ އެއްވެސް ނިޔަތެއް އޮވެގެން ނޫންކަމަށެވެ. އަދި އެކަން ޗައިނާގެ ސަރުކާރަށް އަންގައިދޭން ބޭނުންވާކަމަށްވެސް ޔެލެން ވިދާޅުވިއެވެ.
"ޗައިނާގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކޮށްފާނެކަމަށް ހީކުރާ ހީކުރުން ފިލުވައިދޭން ބޭނުން. އެއެއް ނޫން މައްސަލައަކީ.. އަދި އެ ނިޔަތެއްވެސް ނެތް" ޔެލެން ވިދާޅުވިއެވެ.
ޔެލެން ވިދާޅުވީ ބޭރުގެ ވިޔަފާރިތަކަށް ޗައިނާގައި އިންވެސްޓްކުރުން ދަތިކުރަން އަޅާފައިވާ ފިޔަވަޅުތަކާއި، ފިކުރީ މުދަލާއި ގުޅޭގޮތުން ހުރި ކަންބޮޑުންތަކާއި އަދި އެމެރިކާގެ ބައެއް ކުންފުނިތަކާއި ދެކޮޅަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ކަންބޮޑުވުން ޗައިނާގެ ކަމާއިބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ހިއްސާ ކުރެއްވިކަމަށެވެ.
ޔެލެންއާއެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ޗައިނާގެ ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައިކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުނުމަކީ ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުންކުރާ އާއްމު ސަބަބަކަށް ހަދައިގެން އުޅޭކަން ޗައިނާގެ އޮފިޝަލުން ފާހަގަކުރެއެވެ. އަދި އެއީ އާއްމު އުސޫލުން ވިޔަފާރީގެ ގުޅުންތައް ހިނގާ ފަރާތްތަކުގެ މެދުގައި އަމަލުކުރަންޖެހޭނެ ގޮތެއް ނޫންކަންވެސް ޗައިނާއިން ފާހަގަކުރެއެވެ.
އެމެރިކާގެ ޓެރެޜަޒީ ސެކްރެޓަރީ ޗައިނާއަށް ވަޑައިގެން މަޝްވަރާތަކެއް ބޭއްވިނަމަވެސް އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކެއް މަޑުޖެހުމެއް ނާންނާތީ މާބޮޑު ކުރިއެރުމެއް މަޝްވަރާތަކުން ލިބޭނެކަމަށް ނުބެލެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ހަބަރުތައް ބުނާގޮތުން އެމެރިކާއިން މިހާރުވެސް ދަނީ ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގައި ކުންފުނިތަކުން ޗައިނާގައި އިންވެސްޓްކުރުން މަދުކުރުމަށް މަގުފަހިވާ ފިޔަވަޅުތަކެއް އަޅަން އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް އިތުބާރުކުރެވޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނެއެވެ. އަދި މިދިޔަމަހު އެމެރިކާއިން ވަނީ ޗައިނާގެ ބައެއް ކުންފުނިތަކުން ބާޒާރަށް ނެރޭ ތަކެތި އުފެއްދުމަށް ބޭނުންވާ ސާމާނު އެމެރިކާގެ ކުންފުނިތަކުން ޗައިނާއަށް ވިއްކުން މަނާކުރުމަށްވެސް ނިންމާފައެވެ. މިކަމުގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީ ދާއިރާއަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާނޭކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.