ޚަބަރު

އަލަށް ޤާއިމްކުރާ އިސްރަށްވެހިންގެ މަރުކަޒުގެ ޚިދުމަތް ލަސްތަކެއްނުވެ ފަށާނެ: ނައިބު ރައީސް


  • އިސްރަށްވެހިންގެ މަރުކަޒު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްދަނީ ވަމުން

  • ހުޅުމާލޭގައިވެސް މިފަދަ މަރުކަޒެއް ޤާއިމުކުރާނެ

  • މި ސަރުކާރުން ހުރިހާ އުމުރެއްގެ މީހުންގެވެސް އަޑުއަހާނެކަމަށް ނައިބު ރައީސް ވިދާޅުވި

  • އިސްރަށްވެހިންގެ ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފައިވަނީ 1 ޖުލައި 2013 ގައި

ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރައްވާ އިސްރަށްވެހިންގެ މަރުކަޒުގެ ޚިދުމަތް ލަސްތަކެއްނުވެ ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމްޢިއްޔާއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ކުރިން ހިންގި ބިމުގައި ޤާއިމްކުރައްވާ އިސްރަށްވެހިންގެ މަރުކަޒު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވަމުންދާކަމަށެވެ. އަދި ލަސްތަކެއްނުވެ އެ މަރުކަޒު ހުޅުވާ، އެތަނުގެ ޚިދުމަތް އިސްރަށްވެހިންނަށް ލިބިގެންދާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިފަދަ މަރުކަޒެއްގެ ސަބަބުން އިސްރަށްވެހިންގެ އިތުރުން ޒުވާން ޖީލަށްވެސް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން މުޖުތަމަޢުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ތަފާތު އެކި ކަންކަމުގައި އިސްރަށްވެހިންގެ ޚިޔާލާއި މަޝްވަރާ އަދި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް މި މަރުކަޒަކީ މުހިއްމު ދައުރެއް އަދާކުރާނެ ތަނަކަށްވާނޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިފަދަ އިތުރު މަރުކަޒުތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ ހުޅުމާލޭގައިވެސް މިފަދަ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ.

"އިސްރަށްވެހިންގެ މަރުކަޒު އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ އެ ޚިދުމަތް ފެށިގެންދާނެ. މިހާރު ކުރިއަށްދަނީ ހުޅުވުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް. އިރާދަކުރެއްވިއްޔާ އެކަންތައްތައް އަޅުގަނޑުމެން ވަރަށް އަވަހަށް ނިންމާ، އަނެއްކާވެސް އިޖްތިމާޢީ ގުޅުން ބަދަހިކޮށް އެއްތަނަކަށް ޖަމާވެ އޭގެ ސަބަބުންވެސް އަޅުގަނޑު ޤަބޫލުކުރާނީ ޒުވާނުންނަށް. ތިބޭފުޅުންގެ ފަރާތްޕުޅުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންވެސްދާނެ" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ޤައުމެއް ކުރިއަރާ ދަނީ ވަކި ބަޔަކު އެކަނި ކުރާ މަސައްކަތަކުން ނޫންކަމަށާއި، ކަންކަން ކުރިއަށްގެންދަންވާނީ ހުރިހާ އުމުރެއްގެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންކަމަށެވެ. ވަކިން ހާއްސަކޮށް އިސްރަށްވެހިންގެ ހިޔާލާއި މަޝްވަރާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ކުރާ ކަންކަމުގައި ހޯދުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ، އަދި މި ސަރުކާރުން އެގޮތަށް އެކަންކަން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހުރިހާ އެންމެންގެވެސް އަޑުއަހައިގެން ސަރުކާރުން ކަންތައްތައް ކުރިއަށްގެންދާނީ. ޒުވާނުން، އުމުރުން ދުވަސްވީ ބޭފުޅުން، ހުރިހާ އުމުރެއްގެ އެއީ މުހިންމު ކަމެއްކަމަށް މިއަދުގެ ސަރުކާރުން ޚާއްސަކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޤަބޫލުފުޅުކުރައްވަނީ. މިއަދު މި ޤައުމުގެ މަސައްކަތުގެ ތެރެއިން ތަރައްޤީއަށްކުރާ ކަންތައްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކުރުމަށް، އުފާވެރި ރާއްޖެއެއް ހޯދުމަށްކުރާ މަސައްކަތުން އެއްވެސް މީހަކު ބާކީކޮށްލުމަކީ އިންސާފުވެރިކަމެއްނޫން، އެއީ ކޮށްގެންވާނެ ކަމެއްވެސްނޫން" ނައިބު ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަހީދު ލިޔުއްވާ، އިސްރަށްވެހިންގެ ޖަމުޢިއްޔާއަށް ހަދިޔާކޮށްދެއްވި "ދިވެހިރާއްޖޭގެ އިސްރަށްވެހިންނަށް ލޯތްބާއެކު" މި ފޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ނެރެދެއްވިއެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު ލިޔުއްވާފައިވާ "ޚިދުމަތުގެ ހަނދާންތައް" ފޮތްވެސް މިޖަލްސާގައި ނާއިބު ރައީސަށް ހަދިޔާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން 1 ޖުލައި 2013 ގައެވެ. މި ޖަމުޢިއްޔާ އުފައްދާފައިވަނީ ރާއްޖޭގެ އިސްރަށްވެހިންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލާބަޔާއި މަންފާއަށް މަސައްކަތްކުރުމަށާއި، މުޖުތަމަޢުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ.