ޓުއަރިޒަމް

އައިޓީބީ ފެއަރގައި ގެސްޓްހައުސް ޕްރޮމޯޓްނުކުރަން އަންގާފައެއްނުވޭ


ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިއެއްވެސް ބޭރުގެ ޤައުމުތަކުގައި ބާއްވާ ފެއަރތަކުގައި އިޝްތިހާރުކުރުމުގެ ފުރުޞަތު އަބަދުވެސް ހުޅުވާލައްވާފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނުން މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އައިޓީބީ ފެއަރގައި ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އަންގާފައިވާކަމަށް ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކުރައްވައެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އަންގަވާފައިނުވާނެކަމަށެވެ.

ނަމަވެސް އައިޓީބީފެއަރގައި ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް ހުއްދަދެއްވާފައިވާ ކުންފުނި ގެސްޓްހައުސް މޯލްޑިވްސްއިން ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް ބޭނުންކުރި މެގަޒިންގައި ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ ފަތުރުވެރިކަމުގެ 15 ވިޔަފާރިއެއް ހިމަނާފައިވާތީ އެ ފޮތް ބެހުން ހުއްޓާލުމަށް އަންގަވާފައިވާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

ނަމަވެސް ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ގެސްޓް ހައުސް ވިޔަފާރީގެ 85 ފަސްތަނެއް މިހާރުވެސް އައިޓީބީ ފެއަރގައި ގެސްޓްހައުސް މޯލްޑިވްސްއިން ގެންދަނީ އިޝްތިހާރުކުރަމުންކަން އެމްއެމްޕީއާރުސީން ފާހަގަކުރައްވައެވެ.

މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތައް އިޝްތިހާރުކުރުން ހުއްޓާލަން އަންގަވާފަވަނީ މިފަދަ ވިޔަފާރިތަކުން ޚިދުމަތްހޯދާ ފަތުވެރިންނަށް ދިމާވެދާނެ ޙާލަތެއްގައި ޒިންމާ އުފުލަންޖެހޭނެ ފަރާތެއް ނެތުމުގެ މައްސަލަ ކުރިމަތިވިޔަ ނުދިނުމަށްކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިތުބާރެއް އޮތްއިރު ރަޖިސްޓްރީ ނުކުރާ ތަންތަނުގެ މަޢުލޫމާތު ފަތުވެރިންނަށް ދިނުމަކީ ނުރަނގަޅު މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ އިތުރުން ފަތުރުވެރިންނަކީ އަބަދުވެސް އެމީހުން ޒިޔާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް އިސްކަންދޭބައެއްކަމަށްވާތީކަމަށްވެސް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއްވައެވެ.