ޚަބަރު

ނާޒިމްގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި


ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާ އަންނަ އަންގާރަ ދުވަހު ހުކުމް އިއްވަން ހައިކޯޓުން ތާވަލްކުރައްވައިފިއެވެ.

ނާޒިމްގެ ފަރާތުން ހުށައެޅި އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލާފައި އޮތް ނަމަވެސް މިއަދު އިތުރު އަޑުއެހުމެއް ބާއްވަވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ނާޒިމްގެ ފަރާތުން ހުށައެޅި ހަ ހެއްކެއްގެ ހެކިބަސް ނެގުމެވެ. ނާޒިމްގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅުއްވާފައިވަނީ އެނާ ދިރިއުޅުއްވި އެޕާރޓްމަންޓް ބަލާ ފާސްކުރުމަށް ދިޔަ ފުލުހުންގެ ސޮވޮޓް ޓީމްގެ ބައެއް ފުލުހުންނެވެ.

މި މައްސަލާގައި ހެކިބަސް ނަގާނިމުމަށްފަހު ވާހަކަދެއްކުމަށް ދިން ފުރުސަތުގައި ނާޒިމްގެ ޤާނޫނީ ވަކީލް ހުސްނުއް ސުއޫދް ވިދާޅުވީ ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރިކަމަށެވެ. އަދި ދިން ހެކިބަހާއި ތަޙްޤީގަށް ދީފައިވާ ބަޔާނާއި ދިމާނުވާކަމަށާއި ބައެއް ހެކިން ފާޅުގައި ދޮގު ހަދާފައިވާކަމަށްވެސް ސުއޫދް ތުހުމަތުކުރެއްވިއެވެ. ދިފާއީ ވަކީލްގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް އާދްމަ އަރީފް ވިދާޅުވީ ހެކިންގެ ހެކިބަހުން ނާޒިމްގެ ގެ ބަލާފާސްކުރަންދިޔަ ސޮވޮޓް ފުލުހަކު ނާޒިމް ދިރިއުޅުއްވާ ކޮޓަރިއަށް ވަދެފައިނުވާކަން އެގޭކަމަށެވެ. އަދި އެ ކޮޓަރީގައި ހަތިޔާރެއް ފުލުހުން ބޭއްވިކަމަށް ބުނާއިރު ހަތިޔާރެއް ގެންގުޅުނުތަންވެސް އަދި ބޭއްވިތަންވެސް ފެނިފައިނުވާކަން ހެކިންގެ ހެކިބަހުން އެގޭކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މިއަދު ބޭއްވި އަޑުއެހުންތައް ނިންމާލެއްވިކަން އިޢުލާން ކުރައްވަމުން މައްސަލަ ބައްލަވާ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން ވިދާޅުވީ މި މައްސަލައިގެ ހުކުމް ކުރުން އަންނަ އަންގާރަދުވަހު މެންދުރު ދޭއްޖަހާއިރު ބާއްވަވާނެކަމަށެވެ.