ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް ވަނީ އިތުރުވާން ފަށާފައެވެ. ޚާއްސަގޮތެއްގައި ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައިވެސް މި ބައްޔަށް ފަރުވާ ހޯދަން ޖެހުނު އެކި އުމުރުފުރާގެ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.
އެހެން ބަލިތަކާ އެއްފަދައިން ނަފްސާނީ ބައްޔަކީވެސް ކަންބޮޑުވާންޖެހޭ ބައްޔަކަށް ވުމުން ބަލިމީހުންނަށް ފަރުވާދިނުމަށް ޚާއްސަކޮށްގެން ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޚާއްސަ ޑިޕާޓްމަންޓެއް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ސިއްޙީ ޚިދުމަތް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މި ފަރުވާވެސް އަތޮޅުތެރޭގައި ފުރިހަމައަށް ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. ކޮންމެ ރަށެއްގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭނެ ޔުނިޓެއް ޤާއިމްކޮށްފައި ނެތްނަމަވެސް އަތޮޅުތެރޭގެ އެކި ހޮސްޕިޓަލްތައް މެދުވެރިކޮށް އެޚިދުމަތް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާދެއްވާފައެވެ.
ޞީއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކުގެ ފެންވަރު މަތިކޮށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަތޮޅުތެރޭގެ ސިއްޙީ ނިޒާމް ވަރުގަދަ ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބަލިމީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ގެންނަމުންނެވެ.
އެގޮތުން ކުރިން އެ ހޮސްޕިޓަލުން ނުލިބޭ އެތައް ޚިދުމަތްތަކެއް މިހާރު ލިބެމުން އަންނައިރު މުޅިން އައު ޚިދުމަތްތަކެއް ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އިމާރާތް އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި އެކި ޑިޕާޓްމަންޓްތައްވެސް އަންނަނީ އުފައްދަމުންނެވެ.
އުނގޫފާރު ހޮސްޕިޓަލްގައި އެންމެ އަވަހަށް ފެށުމަށް މިހާރު ހަމަޖެހިފައިވާ އެއް ޚިދުމަތަކީ ސަރުކާރުން އެ ހޮސްޕިޓަލްގައި ޤާއިމްކުރެއްވި ނަފްސާނީ ބައްޔަށް ފަރުވާ ދިނުމުގެ ޑިޕާޓްމަންޓްގެ ޚިދުމަތެވެ. މިހާރުވެސް އެ ހޮސްޕިޓަލުން މި ޚިދުމަތް ލިބެމުން އަންނައިރު އެކަމަށް ޚާއްސަ ޑިޕާޓްމަންޓާއެކު ޚިދުމަތް ހޯދުމަށާއި ޚިދުމަތް ފޯރުވައިދިނުމަށް ލުއިފަސޭހަވެގެންދާނެ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
އިމާރާތުގެ މަސައްކަތްތަކާއި ބޭނުންވާ ސާމާނާއެކު ޖުމުލަ 5.7 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މިޑިޕާޓުމަންޓްގެ މަސައްކަތް ނިންމާ ޚިދުމަތް ދިނުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އެ ޔުނިޓުން ޚިދުމަތް ފަށާނެކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެއެވެ.
އުނގޫފާރު ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އާދަމް މާހިރު ވިދާޅުވީ، އެ ޔުނިޓް ފަރުމާކޮށްފައިވަނީ ބަލިމީހުން އެޑްމިޓްކޮށްގެންވެސް ފަރުވާދެވޭނެގޮތަށް ކަމަށެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލު ކުރަމުން އަންނަ މީހުންގެ ހާލަތު ދެނެގަތުމަށް ބޭނުންވާނެ ސާމާނުވެސް ޤާއިމްކޮށްފައިވާކަމަށެވެ.
ވަކި ޚާއްސަ ޔުނިޓަކުން ޚިދުމަތްދޭން ފެށުމާއެކު ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފޯރުވައިދޭ ޚިދުމަތުގެ ފެންވަރުވެސް މަތިވާނެކަން މާހިރު ފާހަގަކުރެއްވިއެވެ.
"މިހާރު ބައެއްފަހަރު އެބަޖެހޭ އެޑްމިޓްކޮށްގެން ފަރުވާދޭނެ ޖާގަ ނެތީމާ މާލެ ފޮނުވާލަންވެސް. ކުރިއަށް އޮތްތަނުގައި މި ޑިޕާޓްމަންޓްގައި ޚިދުމަތް ފެށުނީމަ އެޑްމިޓްކޮށްގެން ފަރުވާދެވޭނެ. މިހާރު ރ.އަތޮޅުގެ ރަށްތަކުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އޮންލައިންކޮށް ޚިދުމަތް ހޯދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި. އަދި މި މަސައްކަތް ކުރަނީ ނ،ރ،ބ،ޅގެ ހުރިހާ ރަށެއްވެސް މި ނެޓްވޯކްގެ ތެރެއަށް ވެއްދުމަށް." މާހިރު ވިދާޅުވިއެވެ.
އަލަށް ޤާއިމުކޮށްފައިވާ ޑިޕާޓްމަންޓްގައި ކޮންސަލްޓޭޝަން 2 ރޫމް ހުރެއެވެ. މިތަނުން ސައިކެޓްރީއާއި ސައިކޮލޮޖިކަލް ފަރުވާގެ އިތުރުން ފެމިލީ ސަޕޯޓާއި ކައުންސިލިންގއަށް ޚާއްސަ ރޫމަކާއި މީޓިންގ ރޫމަކާއި ވެއިޓިންގ އޭރިއާއަކާއި ސްޓާފް އޭރިއާއެއް ހިމެނެއެވެ. ހަމައެއާއެކު ނަފްސާނީ ގޮތުން ހާލު ބޮޑު މީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 4 މީހުންގެ ޖާގައިގެ ވޯޑެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.
ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އަލަށް ޤާއިމުކުރި ޔުނިޓާއެކު ނަފްސާނީ ގިނަ ބަލިތަކަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ލިބޭނެއެވެ. އަދި އެކި އެސެސްމަންޓުތަކުގެ އެހީގައި ބަލިމީހުންގެ ފަރުވާ ހަރުދަނާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މިދާއިރާއިން ޚިދުމަތްކުރާނެ ދިވެހިން ނުލިބުމުގެ ކަންބޮޑުވުމެވެ. މިއާއެކު ރާއްޖެއިން ބޭރުން މީހުން ގެނައުމަށް އެތައް ހޭދައެއް ކުރަންޖެހެއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ޚަރަދުކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާދޭނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.