ޚަބަރު

ޖަޕާނުގެ ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަނީ


  • މި ދަތުރުފުޅު އޮންނާނީ މިމަހުގެ 29 އިން 30

  • މިއީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ދެ ޤައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް

ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅު އޮންނާނީ މިމަހުގެ 29 އިން 30 އަށެވެ. ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޢަބްދު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ހަޔާޝީގެ މި ދަތުރުފުޅުގައި، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ބައްދަލުކުރައްވާ، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕްގެ ލިޔުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަޕާނުގެ ކުރީގެ ފޮރިން މިނިސްޓަރ ތާރޯ ކޯނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 56 އަހަރު ފުރޭނެއެވެ.