މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެނޑިޑޭޓްގެ އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޡިމްގެ އިންތިޙާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ހަމަޖައްސަވައިފިއެވެ. ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ކުރައްވާފައިވާ އުޝާމަކީ އެމްއެންޕީ އުފެއްދުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްއެންޕީގެ ޓިކެޓް ނާޡިމަށް ލިބިވަޑައިގަތީ އެޕާޓީގެ ޕްރައިމެރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން ވޯޓަކާއި ނުލައެވެ. ނާޡިމަށް ޕާޓީގެ ޓިކެޓް އަރުވަައި އެމްއެންޕީގެ ކެމްޕެއިން ފަށާފައިވަނީ މިދިޔަ މޭމަހުގެ 26 ވަނަދުވަހުއެވެ.
ޕީޕީއެމް އެއްބަސްވާނަމަ އިންތިޚާބުގައި ވާދަކުރުމަށް އެއް ކެނޑިޑޭޓަކު ނެރުމަށް އެމްއެންޕީއާއި ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސް އިން ބައްދަލުކޮށް އެއްބަސްވެފައިވާކަން އެޕާޓީތަކުގެ ލީޑަރުން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ޕާޓީތަކުގެ މި ނިންމުމާއި ދިމާކޮށް އިދިކޮޅު ޕީޕީއެމުން ބުނަމުން އަންނަނީ އެއް ކެނޑިޑޭޓަކު ނެރޭނަމަ އެ ކެނޑިޑޭޓަކަށް ވާންޖެހޭނީ އެޕާޓީގެ ކެނޑިޑޭޓްކަމަށެވެ. އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު ހުރިހާ ޕާޓީއަކުން ގެންދަނީ ވަކިވަކިން ކެމްޕޭނުކޮށް އެކި ވައުދުތައް
އިއުލާންކުރަމުންނެވެ.
އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީއާއި ޕީޕީއެމުންވެސް ވަނީ އެޕާޓީތަކުގެ ކެނޑިޑޭޓުންގެ އިންތިޚާބީ އެޖެންޓުން ކަނޑައަޅާފައެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިންތިޚާބީ އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. ނާޝިޒަކީ މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިޚާބީ އޭޖެންޓަކަށް ކަނޑައަޅުއްވާފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.
ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.