ޚަބަރު

ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މި ޚިދުމަތް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު

ބަންކަރިން ޚިދުމަތުން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް ފަޑުކިޔުންތައް އަމާޒުވިނަމަވެސް އެ ޚިދުމަތުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، އެ ޚިދުމަތް ފެށިގެން މިހާތަނަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ބަންކަރިން ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. 2024 ވަނަ އަހަރު ސެޕްޓެންބަރު މަހު ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް އެކަމަށް ޚާއްސަ ބޯޓެއް ގެނެސް އެސްޓީއޯ މެދުވެރިކޮށް ދޭ ޚިދުމަތެކެވެ. މި ޚިދުމަތް ފެށިފަހުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، ލިބޭ ޖުމްލަ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ.

ބަންކަރިންގެ ޚިދުމަތުން މަހުން މަހަށް ލިބޭ އާމްދަނީވެސް އަންނަނީ އިތުރުވަމުންނެވެ. ބަންކަރިން ޚިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަރ އޮއިލްއިނެވެ.

ބަންކަރިން ޚިދުމަތް ރާއްޖޭގައި ފެށީ ބައިނަލްއަޤްވާމީ ގޮތުން މިޚިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވާ ވިޓޯލް ކުންފުންޏާއެކުއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް، ފެށި މަސައްކަތް އިތުރަށް ހަރުދަނާކޮށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ސަރުކާރުގެ އާމާޒެކެވެ.

ބަންކަރިން ޚިދުމަތް ފެށިއިރު ސަރުކާރުން ވިދާޅުވީ މި ޚިދުމަތް މެދުވެރިކޮށް އަހަރެއްގެ މައްޗަށް 400 މިލިޔަން ޑޮލަރު ޖީޑީޕީއަށް އިތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ލިބޭ އާމްދަނީ އިތުރުކޮށް މިހާރަށް ވުރެ ފުޅާކޮށް މިޚިދުމަތް ދިނުމެވެ.