އުޒްބަކިސްތާނުގައި ކުރިއަށްދާ 46 ވަނަ ޗެސް އޮލިމްޕިއާޑުގައި ވާދަކުރަމުންދާ ޤައުމީ އަންހެން ރާޒުވާ ޓީމު ރަން މެޑައްޔެއް ހޯދައިފިއެވެ.
ދުނިޔޭގެ ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓީމު މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑުން ރާއްޖޭގެ ޤައުމީ އަންހެން ޓީމު ރަން މެޑަލް ހޯދާފައިވަނީ "އީ" ކެޓަގަރީގައި ވާދަކޮށްގެންނެވެ. މި ކެޓަގަރީގައި 37 ޤައުމަކުން ވާދަކޮށްފަވާއިރު، ރާއްޖޭން މިމުބާރާތުގައި ވާދަކޮށްފަވާ ޤައުމުތަކުގެ ތެރޭގައި މިސްރު، ޖަޕާން، ކޮންގޯ، ކޮސޯވޯ، އުރުގުއޭ އަދި ހޮންޑިއުރާސް ހިމެނެއެވެ.
މީގެ އިތުރުން ޤައުމީ އަންހެން ޓީމުގެ އުންމީދީ އެތުލީޓު، މަރްޔަމް ލައިސާ ޢަބްދުއްރަޝީދުވަނީ ވުމަން ކެނޑިޑޭޓް މާސްޓާ (ޑަބްލިއުސީއެމް) ޓައިޓްލް މިމުބާރާތުގެ ތެރެއިން ހޯދާފައެވެ.
މިމަހުގެ 15 އިން 28 އަށް އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރަމުންދާ ޤައުމީ ސްކޮޑުގައި 10 ކުޅުންތެރިން ހިމެނެއެވެ. އެއީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް، އަހްމަދު އަބޫބަކުރު، ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފެވެ.
2022ވަނަ އަހަރު ކުރިއަށްދިޔަ ޗެސް އޮލިމްޕިއާޑުގައިވެސް ރާއްޖޭގެ ޤައުމީ އެތުލީޓުންވަނީ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ ފިރިހެން ޓީމު ކެޓަގަރީއިން ރަން މެޑައްޔެއް ހޯދިއިރު، އަންހެން ޓީމަށް މެޑައްޔަކާ ހަމައަށް ނުދެވުނީ ހަނި ފަރަގަކުންނެވެ.
200 ވަރަކަށް ޤައުމުން 1800 އެއްހާ އެތުލީޓުން ވާދަކުރާ ޗެސް އޮލިމްޕިއާޑު ކުރިއަށްދަނީ 5 ކެޓަގަރީއަކަށް ޤައުމުތައް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީތައް ބަހާލާފައިވަނީ އެންމެ މަތިން ފެށިގެން އެންމެ ބަލި ޤައުމުތައް ތަރުތީބުވާގޮތަށެވެ. ޗެސް އޮލިމްޕިއާޑުގައި ޤައުމީ އަންހެން ޓީމު އީ ކެޓަގަރީގައި ވާދަކުރާއިރު، އޯޕަން ކެޓަގަރީގައި ރާއްޖެއިން ވާދަކުރަންޖެހެނީ ޑީ ކެޓަގަރީގައެވެ.