ޚަބަރު

ހުޅުމާލެ މިނީ ހޯލުގައި ބެޑްމިންޓަން ކޯޓެއް ތަރައްގީކުރަނީ


  • ހުޅުމާލޭގައި މިހާރު ހުރި ބެޑްމިންޓަން ހޯލަކީ އެޗްޑީސީން ތަރައްގީކޮށްފައިވާ ހޯލެއް

  • މިނީ ހޯލު ތަރައްގީކުރާ ބިން މިހާރު ވަނީ ހަމަޖެހިފައި

ހުޅުމާލެ މިނީ ހޯލުގައި ބެޑްމިންޓަން ހޯލެއް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިހާރު ހެދިފައިވާ ބެޑްމިންޓަން ކޯޓަކީ އެޗްޑީސީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ކޯޓެވެ. މި ކޯޓުގެ ޖާގައިގެ ދަތިތަކަން އިންތިހާއަށް ބޮޑުވެފައިވާކަން ކުޅިވަރާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.

އެކަމަށް ހައްލު ހޯދުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން މިހާރު ހުޅުމާލެ މިނީ ކޮމްޕްލެކްސްއިން ޖާގައެއް ހޯދައި އައު ބެޑްމިންޓަން ކޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުން އަޅާ މަލްޓިޕާޕަސް އިންޑޯ ކޯޓުތަކުގެ މަސައްކަތް ނިމުނީމަ، އިންޑޯ ކުޅިވަރުތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑަށް ހައްލެއް ލިބިގެންދާނެ. އަދި އެއާއެކު ވަކިން ބެޑްމިންޓަން ހޯލެއް އެޅުމަކީވެސް ވަރަށް މުހިންމު ކަމެއް. އެކަމަށްވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން. އެއީ ހަމަ މިނީ ކޮމްޕްލެކްސްގެ ޖާގައެއްގައި ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިހާރުވެސް ހުޅުމާލެ ބެޑްމިންޓަން ކޯޓަށް ދިމާވާ މެއިންޓަނެންސް މައްސަލަތައް އެޗްޑީސީއާ ގުޅިގެން ހައްލުކުރަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އަދި އެކަމަށް ގިނަ ކުޅިވަރު ކުޅޭނެ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.