ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކުރިއަށް ނުދާން މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމްއިން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ އެޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ކަމަށް އެޕާޓީންވަނީ ހާމަކޮށްފައެވެ.
އެމްއާރްއެމްއިން ނެރުނު ނޫސްބަޔާނުގައިވަނީ ރިޔާސީ އިންތިޚާބުގައި އެމްއެންޑިޕީއާއެކު މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރުމަށް އެޕާޓީގެ އެންމެ އިސްފަރާތް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް އެޕާޓީގެ ޒައީމް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް ދެއްވި ދަޢުވަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ނުރަސްމީކޮށް ލިޔެކިއުމުގެ ޒަރީއާއިންވެސް މަޝްވަރާކުރެވި އެމްއާރްއެމްއިން ތާޢީދުކުރާ ސިޔާސަތުތައް ހާމަކޮށްފައިވާ ކަމަށް އެޕާޓީގެ ބަޔާނުގައިވެއެވެ.
އަދި އެމްޑީޕީގެ އިސްވެރިންނާއެކު 1 މެއި 2003 ވަނަ ދުވަހުގެ ރޭ އެމްއާރްއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެމްޑީޕީގެ ހުށަހެޅުންތައް ޕާޓީގެ އެކްސްކޯއަށް ހުށަހަޅާއި މަޝްވަރާކުރުމަށްފަހު އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމްއާރްއެމްއިން އެއްބަސްނުވެވޭތީ އެމްޑީޕީއާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދަޢުވަތަށް ރައީސުލްޖުމްޖުމްހޫރިއްޔާ އަށާއި އެމްޑިޕީގެ އިސްވެރިންނަށް އެމްއާރްއެމްއިންވަނީ ޝުކުރުއަދާކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމްއާރުއެމުން ވަނީ މި މަހުގެ 25ވަނަ ދުވަހު ޕްރައިމަރީ ވެސް އިއުލާނުކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދެއްވުމަށްފަހު މެއި މަހުގެ 24 ވަނަ ދުވަހު އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުންވަނީ އަމުރު ނެރުއްވާފައެވެ. އަދި އެއަމުރު މުރާޖަޢާކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުށަހެޅުއްވުމުން ޢަމުރު މުރާޖަޢާކޮށްދެއްވެން ނެތްކަމަށްވެސް ސިވިލް ކޯޓުންވަނީ ނިންމަވާފައެވެ.
މީނަގެ
އެމްއާރއެމް ގެ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުން އަޅުގަޑި ދަންނަވާނީ އިތުރަށް ދެން އެމްޑީޕީ އިން ފުރްޞަތު ނުދޭށެވެ.