ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި 148 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.
މިފަރާތްތަކަށް ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާފައިވަނީ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި 148 ބޭފުޅަކަށް މިއަހަރު މި އިނާމު ވަނީ ދެއްވާފައެވެ. ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިގެން މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 34 އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރެވި 65 ބޭފުޅަކުވެސް މީގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ދިވެހި ދައުލަތަށް 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި 3 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
• އައިމިނަތު ވަހީދާ - ހ. މާހާ : އައިމިނަތު ވަހީދާ ވަނީ ދިވެހި ދައުލަތަށް 52 އަހަރު ޚިދުމަތްކުރައްވާފައެވެ. އެކަމަނާގެ ޚިދުމަތްތައް މައިގަނޑުގޮތެއްގައި ފެނިފައިވަނީ ޞިއްޙީ ދާއިރާއިންނެވެ. ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1969 ގައި ސަރުކާރުގެ ހޮސްޕިޓަލުގެ ނަރސް އެއިޑްއެއްގެގޮތުގައިއެވެ. މިވަގުތު ހުންނެވީ އައި.ޖީ.އެމް.އެޗްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރުގެ ގޮތުގައެވެ.
• އަޙްމަދު ރަޝީދު - ފެހިވިލާގެ، ރ. އަނގޮޅިތީމު : އަޙްމަދު ރަޝީދު ވަނީ ދިވެހި ދައުލަތަށް 51 އަހަރު ޚިދުމަތްކުރައްވާފައެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1954 ގައެވެ. އަނގޮޅިތީމުގެ މުދިންކަން 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވެއެވެ. އަދި އެރަށު ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ފުރުއްވާފައިވެއެވެ. ރަޝީދު ވަނީ އަނގޮޅިތީމު ކޯޓާއި ޝަރުޢީ ދާއިރާގައި 31 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
• ލެފްޓިނެންޓް ރިޓަޔަރޑް އަޙްމަދު މަނިކު - ގ. ފަސާނާ : ލެފްޓިނެންޓް ރިޓަޔަރޑް އަޙްމަދު މަނިކު ވަނީ ދިވެހި ދައުލަތަށް އަދި ސިފައިންގެއަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެމަނިކުފާނު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1959 ގައެވެ. އަދި ޝަރަފުވެރިކަމާއެކު ސިފައިންގެއިން ރިޓަޔަރ ކުރެއްވީ 1 އޯގަސްޓް 2009 ގައެވެ.
މި ރަސްމިއްޔާތުގައި ޤައުމީ އިނާމާބެހޭ ކޮމެޓީގެ ޗެއަރޕަރސަން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ވަރަށް އިޙްލާސްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރައްވާ މިފަދަ މުހިންމު އިނާމެއް ދެއްވަން ފެށްޓެވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މި އިނާމަކީ ޚިދުމަތްކުރެއްވި މުއްދަތަކަށް ނުވަތަ އަދާކުރެއްވި މަޤާމަކަށް އެކަނި ބައްލަވައިގެން ދެއްވާ އިނާމެއް ނޫންކަން ފާހަގަކުރެއްވިއެވެ.
އަނިސާގެ ވާހަކަފުޅުގައި މި އިނާމު ދެއްވުމުގައި ކޮމެޓީން ބެއްލެވި މުުހިންމު ކަންކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
"އިނާމަށް ކުރިމަތިލައްވާ ބައެއް ބޭފުޅުންގެ ޚިދުމަތާބެހޭ މަޢުލޫމާތު ރަނގަޅަށް އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ތިއްބެވިނަމަވެސް ކޮމެޓީން ގޮތް ނިންމަނީ ހުށަހެޅިފައިވާ މަޢުލޫމާތުގެ އަލީގައި. އެނޫންގޮތަށް ހަދައިފިނަމަ ކޮމެޓީން މެންބަރުން ނުފަރިތަ އެހެންނަމަވެސް ނުހަނު ޚިދުމަތްތެރިންނަށް ވެވޭނީ ބޭއިންސާފު" އަނީސާ ވިދާޅުވިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، 2021 ވަނަ އަހަރު ތަޢާރުފު ކުރެއްވި އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ. އެގޮތުން، މަސައްކަތުގެ މަގާމާއި، ކާތިބުކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިކަމާއި، ނަރުސްކަމާއި، މުދިންކަމާއި، ކުޑަކަތީބުކަމާއި، ކަތީބުކަމާއި، ސެކްރެޓެރީކަމާއި، އެސިސްޓެންޓް ޑިރެކްޓަރކަމާއި، ޑެޕިއުޓީ ޑިރެކްޓަރކަމާއި، ޑިރެކްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މެޖިސްޓްރޭޓިވްކަމާއި، އަދި މިނޫންވެސް ތަފާތު އެކި މަގާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން އިނާމު ޙާޞިލް ކުރެއްވިއެވެ. މީގެއިތުރުން، އެމް.އެން.ޑީ.އެފް. އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނީފޯމް ބޭނުންކުރާ މުއައްސަސާތަކުގެ ބޭފުޅުންނަށްވެސް އިނާމު ލިބިވަޑައިގަތެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.
އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބެއްލެވި ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާނެއެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރައްވާނެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މީގެ ކުރިން 309 ބޭފުޅަކަށް ވަނީ އަރުވާފައެވެ. އަދި މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއެކު މި އިނާމު ދެއްވާފައިވާ ބޭފުޅުންގެ ޢަދަދު 457 އަކަށް މިވަނީ އަރާފައެވެ.