ޓުއަރިޒަމް

މިއަހަރުގެ އައިޓީބީ ފެއަރއަކީ ކާމިޔާބު ފެއަރއެއް - މިނިސްޓަރ


ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި މިހާރު ގެންގުޅޭ ގޮތްތައް ބަދަލުކުރެވިދާނެ ދާއިރާތަކެއް އައިޓީބީ ފެއަރއިން ފާހަގަކުރެއްވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އައިޓީބީގައި ބައިވެރިވުމަށް ޖަރުމަނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެވަޑައިގެން މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަރުމަނުވިލާތުގެ ބަރލިންގައި ކުރިއަށްގެންދާ އައިޓީބީ ފެއަރއަކީ ރާއްޖެއިން ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ފެއަރ އެވެ. އައިޓީބީގެ މިއަހަރުގެ ފެއަރ ރާއްޖެއަށް މުހިންމުވެގެންދިޔައީ މިއަހަރު ރާއްޖެއަކީ މި ފެއަރގެ ޕާރޓްނަރެއްގެ ގޮތުން ފެއަރ ހޯސްޓް ޤައުމަށް ވުމުންނެވެ. ހޮސްޓް ޤައުމުގެ ގޮތުގައި ރާއްޖެ ހަމަޖެހިގެންދިއުމާއެކު ރާއްޖެއިން ތަފާތު ގޮތްތަކުން ފެއަރއަށް ތައްޔާރުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ޘަޤާފަތު ދައްކައިދޭ ގޮތުން ގާލާ ނައިޓްގައި ކުރިއަށްގެންދިޔަ ދިގު ޙަރަކާތާއި އެއަށްފަހު ބޭއްވި ދިވެހި ކެއުމަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. މިއާއެކު ފާހަގަކޮށްލަންޖެހެނީ، ފެއަރއަށް ޒިޔާރަތްކުރި ގިނަބަޔަކު އެންމެ ޝައުޤުވެރިކުރުވި އެއްކަމަކީވެސް ދިވެހި ކެއުންތައްކަމެވެ. އައިޓީބީ ފެއަރގައި ބައިވެރިވުމަށްފަހު ރާއްޖެވަޑައިގެން، މިފަދަ ކަންކަމަށް ފަތުރުވެރިންގެ ހުރި ޝައުޤުވެރިކަން ފެނުމުން، ރާއްޖޭގެ ފަތުރުވެރިކަމުގައި އިތުރަށް ތަޢާރަފްކުރެވިދާނެ ކަންކަން ދެނެގަނެވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލަމުން ގެންދާ ފަރާތްތަކުގެ އަސަރު ފެއަރއަށް ކުރިނަމަވެސް، މިއަހަރުގެ އައިޓީބީ ފެއަރއަކީ ކާމިޔާބު ފެއަރއެއްކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. ފެއަރގައި ބައިވެރިވެވަޑައިގަތުމަށްފަހު ޓޫރިޒަމް މިނިސްޓަރާއެކު އެންވައިރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވެސް ރޭ ރާއްޖެ ވަޑައިގެންފައިވެއެވެ. އައިޓީބީއާ ދިމާކޮށް ރާއްޖޭގެ ބައެއް ފަރާތްތަކުން ޖަރުމަނަށް ގޮސް މީޑިއާތަށް މެދުވެރިކޮށް، ރާއްޖެއަށް ގެއްލުންވާފަދަ ގޮތްގޮތަށް ދޮގު މަޢުލޫމާތު ފަތުރާފައި ވާކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ފެއަރގައި ރާއްޖެއިން ކުރަންޖެހުނު މަސައްކަތް އިތުރުވިކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ސްޓޯލްތައް ހިމެނުނު އައިޓީބީގެ މިއަހަރުގެ ފެއަރގެ ހޮސްޓް ޤައުމުގެ ގޮތުގައި ރާއްޖެއިން ހުށައަޅައިދިން ކަންކަމަކީ މިހާތަނަށް އައިޓީބީގެ ފެއަރތަކުން ފެނިގެން ނުދާފަދަ ޙަރަކާތްތަކެއްގެ ގޮތުގައި އައިޓީބީގެ އިސްވެރިންވެސް ސިފަކުރައްވައެވެ.