ޚަބަރު

ނާޒިމާއި ޝިހާބު ޖުމްހޫރީ ޕާޓީއަށް


ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހްމަދު ނާޒިމާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ޝިހާބް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ. މި ދެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގެން ފޯމާއި ހަވާލުވެޑައިގަތީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްއެވެ.

ޖޭޕީ އުފެއްދިތާ ކުރީކޮޅު އެޕާޓީގައި އިސް މަގާމެއް އަދާކުރެއްވި ޝިހާބާ ދާދި ފަހަކާއި ޖެހެންދެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަމުގެ މަޤާމުގައެވެ. ޝިހާބު ސަރުކާރުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިޔާލު ތަފާތުވުން އުފެދި ވަކި ޕާޓީއެއް ނަޝީދު އުފެއްދެއްވި ހިސާބުންނެވެ.

ރައީސް ޔާމީނުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ނާޒިމް އެންމެ ފަހުން ހުންނެވީ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުގެ ގޮތުގައެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ނާޒިމް ރައީސް ޔާމީނާއި ފެއަށް ވަޑައިގަތެވެ. އަދި އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ އުފުލާ 25 އަހަރަށް ޖަލަށް ލިއެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމް ހުށައެޅުމުން ސުޕްރީމްކޯޓުން އޭނާ މިނިވަންކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އަންނަ މަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓިގެ ފަރާތުން އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވާދަކުރައްވާނެކަމުގެ ޔަގީންކަން އިއްޔެ ވަނީ އެޕާޓީން ދީފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.