ޚަބަރު

ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމުގެ ޚާއްސަ ފޯރަމެއް


  • މިފޯރަމް ކުރިއަށްދާނީ މިމަހުގެ 7 އިން 9އަށް

  • ކޭންސީސީގެ ގައުމުތަކުން ބައިވެރިވާނެ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކުގެ ފެނުގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ކްލައިމެޓް-އިންޑިއުސްޑް ވޯޓަރ ސެކިއުރިޓީ އިން އެޓޯލް ނޭޝަންސް ފޯރަމް" ރަސްމީކޮށް ފަށައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން، ބާއްވާ މިފޯރަމް ކުރިއަށްދަނީ މިމަހުގެ 7 އިން 9 އަށް ބާސެލޯ ނަސަންދުރާގައެވެ.

މި ފޯރަމަކީ ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް، ކޭންސީސީގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އިސްނަގައިގެން ބާއްވާ ފޯރަމެކެވެ. މި ބައްދަލުވުމުގައި ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް އަދި ޓޮކެލާއު ފަދަ ޖަޒީރާ ގައުމުތަކުގެ މަންދޫބުންނާއި، ތަރައްގީގެ ބައިވެރިންނާއި، ކަމާގުޅޭ ފަންނީ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ފެނުގެ ދަތިކަން ކުރިމަތިވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. ޚާއްސަކޮށް ވާރޭ ވެހޭ މިންވަރު މަދުވުމާއި، ހޫނު މޫސުން ދިގުލައިދިއުމުގެ އިތުރުން، ފެން ފަށަލައަށް ލޮނުގެ އަސަރުކުރުމަކީ މިއަދު ރާއްޖެއާއި އެހެން ޖަޒީރާ ގައުމުތަކުން ތަހައްމަލު ކުރަމުންދާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހި ސަރުކާރުގެ މޫސުމީ އެޖެންޑާގައި ފެނުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް އެންޑީސީ 3.0 ގެ ދަށުން، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ފެނުގެ ނިޒާމުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފުމާއި، މުޖުތަމަޢު ބައިވެރިކޮށްގެން ހިންގާ މަޝްރޫޢުތައް ހިމެނެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި ފަންނީ އެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެތެރޭގައި ލޮނުފެން މީރުފެނަށް ހެދުމުގެ ނިޒާމުތަކާއި، ފެން ރައްކާތެރިކުރުމާއި، ވާރޭފެން ނެގުމުގެ ނިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުން ހިމެނެއެވެ. މި ފޯރަމްގެ މަގްސަދަކީ ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މި ބޮޑު ގޮންޖެހުމުން އަރައިގަތުމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމެވެ.