ޚަބަރު

ފާރިސްގެ އިންތިޚާބީ އެޖެންޓަކަށް ޒަބީހް


  • - އެމްއާރުއެމް އޮތީ ގާނޫނީ ސުވާލެއްގެ ތެރޭގައި

  • - އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ ސޮއިވެސް ފާރިސް ވަނީ ހަމަކުރައްވާފައި

އުވާލަން ނިންމާފައިވާ އެމްއާރުއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ އެޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫންގެ އިންތިޚާބީ އެޖެންޓަކަށް އިސްމާއިލް ޒަބީހް ހަމަޖައްސަވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ޒަބީހް، އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅުއްވިކަން އިއުލާން ކުރެއްވީ ފާރިސް މައުމޫންއެވެ.

މެމްބަރުން ހަމަނުވެގެން އުވާލަން ނިންމާފައިވާ އެމްއާރުއެމްގެ ރިޔާސީ ޕްރައިމެރީއަށް ހުޅުވާލުމުން ވާދަކުރެއްވީ ހަމައެކަނި ޕާޓީގެ ރައީސް ފާރިސް މައުމޫންއެވެ. ފާރިސް ވާދަކުރައްވާނީ ޕާޓީގެ ނަމުގައިކަމެއް ނޫނީ އަމިއްލަ ގޮތުންކަމެއް ނޭގެއެވެ. އެހެންނަމަވެސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ 1500 މީހުންގެ ސޮއި ފާރިސް ވަނީ ހޯއްދަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނު ބުނާގޮތުން ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަނުކޮށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާނަމަ ތާއިދު އޮތްކަން ހާމަކުރުމަށް މަދުވެގެން 1500 މީހުންގެ ތާއީދު ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

3000 މެމްބަރުން ހަމަނުވެގެން އެމްއާރުއެމް އުވާލަން އީސީން ނިންމުމުން އެ ޕާޓިން ވަނީ އެ މައްސަލަ ސިވިލްކޯޓަށް ހުށައަޅާފައެވެ. މި މައްސަލަ ވަކިގޮތަކަށް ނިމެންދެން އެންއާރުއެމް އުވާނުލުމަށް ސިވިލްކޯޓުން ވަނީ އަމުރެއް ނެރުއްވާފައެވެ.