ވިޔަފާރި

ހޯރަފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމާއެކު، އިތުރު ފަސޭހަތަކެއް


  • ޓެސްޓް ފްލައިޓް ބާއްވާފައިވަނީ ހުކުރުދުވަހުގެރޭ

  • ހޯރަފުށީ އެއަރޕޯޓް ހުޅުވުނީ 2020 ވަނަ އަހަރު

  • އުތުރުގެ ގިނަ ރަށްތަކަކުން ހިދުމަތް ހޯދާ އެއަރޕޯޓެއް

ހޯރަފުށި އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވާ ޓެސްޓް ފްލައިޓް ބާއްވައިފިއެވެ.

ހޯރަފުށީ އެއަރޕޯޓަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުޅުވައި، ޚިދުމަތްދޭން ފެށި އެއަރޕޯޓެކެވެ.

ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުފަތުރު ފެށުމުގެ ގޮތުން އެއަރޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުފަތުރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުންނާއި ހޯރަފުށީ ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވުމާއެކު ވަރަށް އަވަހަށް ރޭގަނޑު ޝެޑިއުލް ދަތުރުތައްވެސް ފަށާނެކަމަށެވެ.

ރިޒްވީ ވިދާޅުވީ ރޭގަނޑު ދަތުރުތައް ފެށުމާއި ގުޅިގެން ހޯރަފުށީ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ. އަދި ހޯރަފުށްޓަށް ރޭގަނޑު ދަތުރުތައް ފެށުމާއެކު އެއަރޕޯޓްގެ މަސައްކަތްތައް ފުޅާކޮށް މުވައްޒަފުން ތަމްރީނުކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ރޭގަނޑު ދަތުރުތައް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކުރައްވާފައެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ ރޭގަނޑު ދަތުރުތައް ފެށުމާއެކު ސިއްހީ އިމަރޖަންސީ ހާލަތުގައިވެސް ދަތުރުކުރެވޭނެ މިހާރު ފަހިވެގެންގޮސްފައިވާކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތްތަނުގައި އެއަރޕޯޓު އިންޓަނޭޝަނަލް ކުރެވި، ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާއިރު، ދަތުރުފަތުރަށް ވަރަށް ބޮޑުލުއި ފަސޭހައެއް މިކަމުގެ ސަބަބުން ލިބިގެންދާނެކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ޚިދުމަތް ދެމުން އަންނަ އެއަރޕޯޓްކަމަށްވާ ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފެށީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އެ އެއަރޕޯޓަށް މޯލްޑިވިއަން އަދި މަންޓާ އެއަރގެ ޝެޑިއުލް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. އަދި އެއާޕޯޓް ހުޅުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1500 ފްލައިޓުގައި ބައިލައްކައަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވާކަމަށާއި އެތައް ޓަނެއްގެ ކާގޯވެސް އުފުލާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.

ހޯރަފުށި އެއާޕޯޓުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފަރެސްމާތޮޑާ އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓުގައިވެސް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ރޭގަނޑު ދަތުރުތައް ބާއްވަމުންނެވެ،