ތ. ތިމަރަފުށީ ސިއްޙީ މަރުކަޒަކީ ކޮޅުމަޑުލުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިންވެސް އެންމެ ބާރުބޮޑު އެއް ސިއްޙީ މަރުކަޒެވެ.
ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ ބަލި މީހުން ޚިދުމަތް ހޯދާ މި މަރުކަޒަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. މިކަމަށް އަވަސް ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުން އަންނަނީ އެ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ތ. ތިމަރަފުށީ ސިއްޙީ މަރުކަޒަކީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ޚިދުމަތް ދޭން ފެށި މަރުކަޒެކެވެ. ދުވާލަކު 16 ގަޑިއިރު ޚިދުމަތް ދިނުމަށްފަހު، 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެގޮތުގައި މިތަން ހިންގާތާވެސް މިހާރު 10 ވަރަކަށް އަހަރުވެއްޖެއެވެ.
އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ ދެ ޑޮކްޓަރުންނާއި 9 ނަރުހުން ހިމެނޭހެން ޖުމްލަ 36 މުވައްޒަފުން އަންނަނީ އެމަރުކަޒުގައި މަސައްކަތް ކުރަމުންނެވެ. މިއީ 13 އެނދުގެ ޖާގައިގެ ސިއްޙީ މަރުކަޒެކެވެ. އަދި އާއްމުކޮށް ހަދަންޖެހޭ ހުރިހާ ތަހުލީލުތަކެއް ހެދޭނެހެން ލެބޯރަޓަރީއެއްވެސް މިތަނުގައި ހުރެއެވެ.
އެހެންނަމަވެސް ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ތިމަރަފުށީ ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އެއް ޝަކުވާއަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތިމަރަފުށީ ސިއްޙީ މަރުކަޒު ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޒައިން ވިދާޅުވީ، ތިމަރަފުށީ ސިއްޙީ މަރުކަޒުގައި ބޮޑު މަރާމާތެއް ނުކުރާތާ މިހާރު 25 ހަކަށް އަހަރު ވެދާނެކަމަށެވެ. އަދި ދުވަސްވެ ބާވުމުގެ ސަބަބުން މަރުކަޒު ހިންގާ ޢިމާރާތް ބޮޑު މަރާމާތަކަށް ބޭނުންވެފައިވާކަމަށް ޒައިން ވިދާޅުވިއެވެ.
"ބޭރުގެ އަސްކަނިތައްވެސް ގާތްގަނޑަކަށް ހަލާކުވެފައި އެހުރީ. އަސްލު ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި. އެންމެ ބޮޑު މައްސަލައަކީ ތަނުގެ އާބާތުރަ މިވަގުތަށް ބޮޑުވެފައިވާކަން. ފާޚާނާތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައި، ތަނުގެ ފެން ވަޔަރިންގ ވަރަށް ބޮޑަށް ހަލާކުވެފައި. ކަރަންޓް ވަޔަރު، އަޅުގަނޑުމެންނަށް ވިއްސާރަވެއްޖެއްޔާ އިރުއިރުކޮޅުން ކަރަންޓު އެބަދޭ. އޯޕީޑީގެ ޖާގައިގެ ދަތިކަންވެސް ހަމަ ވަރަށް ބޮޑު" ޒައިން ވިދާޅުވިއެވެ.
ތިމަރަފުށީ ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވުމުގެ، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ސަރުކާރުން ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފައިވަނީ 14 އޮކްޓޫބަރު 2022 ގައެވެ. މި މަސައްކަތް ކުރަމުންދަނީ ކިލޯ މީޓަރ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ. މިއީ ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ ބައި ބޮޑަށް ޚާއްސަ ކުރެވިގެންދާނީ އިދާރީ މަސައްކަތްތަކާއި، ގުދަން ކުރުމާއި ލޯންޑްރީގެ މަސައްކަތްތަކަށް ބޭނުންވާ ޖާގައަށްކަމަށް ތިމަރަފުށީ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، ކޮންކްރީޓް ގިނަ މަސައްކަތްތަކެއް ނިމި، ޢިމާރާތް ވަނީ ހިޔާވެސްކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކެވެ.
ޒައިން ވިދާޅުވީ، މި މަސައްކަތް ފަށައިގަތްއިރު ލަސްތަކެއް ދިމާވިނަމަވެސް، މަސައްކަތް އަވަސްކުރުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ކުރަމުންދާކަމަށެވެ. ހަމައެއާއެކު މިހާރު ބޭނުންކުރަމުންދާ ޢިމާރާތުގައިވެސް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފެހި ސިގްނަލް ސަރުކާރުން ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސަރުކާރުން މިހާރު ސިއްޙީ މަރުކަޒު ހިންގާ ޢިމާރާތުގެ މަރާމާތުތައް ކުރިއަށްގެންދެވޭތޯ އެބަ މަސައްކަތް ކުރައްވާ. ރައީސުލްޖުމްހޫރިއްޔާ ސިއްޙީ ދާއިރާއަށް އެ ދެއްވާ އަހައްމިއްޔަތުގެ ދަށުން މިހާރު އަޅުގަނޑުމެންނަށްވެސް އެ މަގު ތަނަވަސްވެގެންދާނެކަމަށް އަޅުގަނޑުމެން އުއްމީދު މިކުރަނީ. އެއީ މިނިސްޓްރީން އެންމެފަހުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނުގޮތުން މިހާރު މިތަނުގެ މަރާމާތުތައް ވަނީ ބަޔަކާއި ޙަވާލުކުރެވިފައި. އުއްމީދަކީ ކުރިއަށްއޮތްތާނގައި ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެކަމަށް" ޒައިން ވިދާޅުވިއެވެ.
ޖާގައިގެ ދަތިކަމާއެކުވެސް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ ޚާއްސަ އަހައްމިއްޔަތުކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށް ޒައިން ވިދާޅުވިއެވެ. އެކްސްޓެންޝަން ޢިމާރާތުގެ އިތުރުވެސް ބަލިމީހުން އުފުލުމުގައި ހުރި ދަތިކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ޖަޕާން އެއިޑްގެ ދަށުން ފޯރުކޮށްދިން އެމްބިއުލާންސްތަކުގެ ތެރެއިން އެއް އެމްބިއުލާންސް މި ރަށަށްވެސް ފޮނުވާފައެވެ.
އަލަށް ލިބުނު އެމްބިއުލާންސް ހިމެނޭހެން 2 އެމްބިއުލާންސް މިރަށުގައި މިހާރު އެބައޮތެވެ. މިއާއެކު ކައިރި ރަށްރަށުން އެއަރޕޯޓަށް ފުރަން އަންނަ ބަލި މީހުން އުފުލުމުގައިވެސް އިތުރު ލުއިފަސޭހައެއް ލިބިފައިވާކަން ޒައިން ފާހަގަކުރެއްވިއެވެ.
އެކްސްޓެންޝަން ޢިމާރާތާއެކު ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދިޔަނަމަވެސް، ދާއިމީ ޙައްލެއް ލިބެންއޮތީ މިހާރު ހުރި ޢިމާރާތް މަރާމާތުކޮށް ނުވަތަ އައު ޢިމާރާތެއް އަޅައިގެންކަން ތިމަރަފުށީ ޞިއްޙީ މަރުކަޒާއި، މި ރަށު ކައުންސިލް އަދި ރައްޔިތުންވެސް ޤަބޫލުކުރެއެވެ. އެހެންކަމުން މިރަށު ރައްޔިތުންވެސް ތިބީ މިކަމަށް އަލިމަގެއް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ހުރި ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފާއިތުވި މުއްދަތުގެ ތެރޭގައިވެސް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައިވާކަން ތިމަރަފުށީ ސިއްޙީ މަރުކަޒުން ފާހަގަކުރައްވައެވެ.