ޚަބަރު

ރައީސް ޞާލިޙްގެ ކެންޑިޑަސީ ޝަރުތުހަމަވޭ - އީސީ


  • - އީސީން ނިންމެވީ ރައީސް ޞާލިޙްގެ ޝަރުތު ފުރިހަމަވާކަމަށް

  • - މިހާތަނަށް 4 ނަން ހުށައަޅާފައިވޭ

  • - މާދަމާ މުއްދަތު ހަމަވާނެ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ރައީސް ޞާލިޙްގެ ރަނިންމޭޓްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒާއި، ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިންއެވެ. ފޯމާއި ހަވާލުވެޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

އަންނަމަހުގެ 9 ވަނަދުވަހު ބާއްވާ އިންތިޚާބުގައި ވާދަކުރެއްވުމަށް މިހާތަނަށް 4 ޕާޓީއަކުން ކެންޑިޑޭޓުންގެ ނަން ވަނީ ހުށައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނާއި އެމްޑީޕީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީން އެޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ދަ ޑިކޮރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއެވެ. މި ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ޝަރުތު ހަމަނުވާކަމަށް އީސީން ނިންމެވި ނިންމެވުމަށް ސުޕްރީމްކޯޓުން މިއަދު ވަނީ ތާއީދުކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ނަން ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ 14:00އަށް ހަމަވާނެއެވެ. އަދި ނަން ހުށައެޅުއްވި ކެންޑިޑޭޓުންގެ ނަން ތަރީތީބުކުރުން އަންނަ ބުދަދުވަހު އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.