ޚަބަރު

ނާޒިމްގެ ކެންޑިޑަސީވެސް ކޮމިޝަނުން ބަލައިގެންފި


  • -ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަހްމަދު އަދީލް ނަސީރު

  • - އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

ނާޒިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެޑައިގަންނަވާ ޑރ. އަހްމަދު އަދީލް ނަސީރުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާފައެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ ނާޒިމްއެވެ. އެ ފޯމާއި އީސީން ހަވާލެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނާޒިމަށް ޓިކެޓް ލިބިވަޑައިގަތީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.

އަންމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ޕާޓީއަކުން ވަނީ ކެންޑިޑަސީ ފޯމް ހުށައަޅާފައެވެ. އޭގެއިތުރުން އެހެން ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން ބައެއް ފަރާތްތަކުން ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.